ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޓެލެގްރާމް ބޭނުން ކުރައް ފައްޓަވައިފި އެވެ.
ޓެލެގްރާމަކީ ވައިބާ އާއި ވަޓްސްއެޕް ފަދަ ޗެޓް ކުރަން ބޭނުން ކުރާ އެޕްލިކޭޝަން އެކެވެ.
ކުއްލިގޮތަށް ރޭ 11 ޖަހާ އެހާކަށް ހާއިރު ރައީސް މައުމޫން ޓެލެގްރާމް ބޭނުން ކުރަން ފައްޓަވާފައިމިވަނީ ރައީސާއި ނައިބް ރައީސްގެ އުމުރު ކަނޑައެޅުމުގެ އިސްލާހަށް ތާއީދު ނުކުރައްވާކަން ހާމަކޮށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނަށް ކުރެއްވި ވައިބާ މެސެޖުތަކެއް ލީކުވެފައިވަނިކޮށެވެ.
އެ މެސެޖުތަކުގެ ސްކްރީން ޝޮޓްތަކެއް ނެގި ސޯޝަލް މީޑިއާގައި އާންމު ވެފައިވާއިރު އެ މެސެޖުތަކުގައި ރައީސް މައުމޫން ވަނީ ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު ކަނޑައެޅުމަށް ތާއީދު ނުކުރައްވާ ކަމަށާއި އެ އިސްލާހުގެ ސަބަބުން ރައީސް ޔާމީންގެ އަގު ވެއްޓޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަހުން ޕީޕީއެމް ޕީޖީ ގްރޫޕުން އެ އިސްލާހަށް ތައީދު ކުރަން ނިންމުމުން މައުމޫން ވަނީ އެމަނިކުފާނުގެ ބަސް ނުވިކޭކަމަށް ވިދާޅުވެފަ އެވެ.
މި މެސެޖުތައް ލީކުވި ގޮތެއް ނޭނގެ އެވެ. ނަމަވެސް ޕީޕީއެމްގެ އިސް ބޭފުޅަކު ވަނީ އެއީ ސައްހަ މެސެޖުތަކެއްކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ޓެލެގްރާމަކީ ސެކިއުރިޓިގޮތުން ވަރުގަދަ އެޕްލިކޭޝަނެއްކަމަށް ޗެޓް އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ ކަންކަން ދިރާސާކުރާ ތަޖުރިބާކާރުން ބުނެފައި އެބަ ހުއްޓެވެ.
ޓެލެގްރާމްގައި ކުރެވޭ ޗެޓުލޮގެއްގެ ސްކްރީން ޝޮޓެއް ހެދިކަމުގައިވިޔަސް އެ ނަގާ ޝޮޓްގައި ދެކެވިފައިވާ ވާހަކަތަށް ހުންނަނީ ފަނޑުކޮށެވެ. އެހެންވެ އެފަދަ ފަރާތްތަކުން ބުނަނީ ޓެލެގްރާމަކީ ޒާތީ މިނިވަންކަން ހޯދައިދޭ އެޕްލިކޭޝަނެކެވެ.
އެހެން ކަމުން މައުމޫން ޓެލެގްރާމް ބޭޏުން ކުރައްފެއްޓެވީ ވައިބާގައި ކުރެއްވި މެސެޖުތަށް ލީކުވުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
One Response
މިޒަމާނުގައި އެއްވެސް ކަމެއް ސިއްރުން ކުރެވޭތަ؟ ދުނިޔެ ވަނީ މުޅިން ބަދަލުވެފައި.
ކާރީގައި އެންމެ އަރިސްކޮއް ހުންނަ މީހާއަށް ވެސް އިތުބާރުނުކުރެވޭ، އަދި ފަހުން ތިއެޕްލިކޭސަން އިން ފޮނުވާ މެސެޖް ސޯސަލް މީޑިއަރގައި ދައުރުވާތަން ފެންނާނެ.