ރޭ ޕީޕީއެމް އެމްޑީއޭ ޕީޖީ ގްރޫޕުން ބޭއްވި ބައްދަލުވުން -- ފޮޓޯ: މެމްބަރު މުހައްމަދު އިސްމާއިލް
ރޭ ޕީޕީއެމް އެމްޑީއޭ ޕީޖީ ގްރޫޕުން ބޭއްވި ބައްދަލުވުން -- ފޮޓޯ: މެމްބަރު މުހައްމަދު އިސްމާއިލް

މައުމޫނުގެ ނިންމުމާއި ދެކޮޅަށް އުމުރު ކަނޑައެޅުމުގެ އިސްލާހަށް ތާއީދު ކުރަން ކޯލިޝަންގެ ޕީޖީ ގްރޫޕުން ނިންމައިފި

ރައީސް ކަމާއި ނައިބު ރައީސް ކަމަށް ވާދަ ކުރެވޭ އުމުރު ބަދަލު ކުރުމަށް ގާނޫނު އަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް ފާސް ކުރުމަށް ޕީޕީއެމް އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ އިސްލާހާއި މެދު ހިތްހަމަ ނުޖެހޭކަން ފާޅުކޮށް ސިޓީއެއް ފޮނުވުމުންކަން އެނގިފައިވެ އެވެ.

މި ބައްދަލުވުމަށް ފަހު ޕީޖީ ގްރޫޕުން ބުނެފައިވަނީ ރައީސް މައުމޫންގެ ހިތްހަމަ ނުޖެހުމެއް ރައީސާއި ނާއިބް ރައީސްގެ އުމުރު ބަދަލު ކުރުމުގެ އިސްލާހުގައި ނޫޅޭ ކަމަށެވެ. އަދި ދެ ޕާޓީގެ ޕީޖީ ގްރޫޕުން އެ އިސްލާހަށް ވޯޓުދޭން ނިންމީ އެއީ ގާނޫނު އަސާސީއާއި ހިލާފު އިސްލާހަކަށް ނުވާތީ ކަމަށެވެ.

ޕީޕީއެމްއާއި އެމްޑީޕީގެ ޕީޖީ ގްރޫޕުން މިގޮތަށް ނިންމި އިރު މައުމޫން ނިހާނަށް ކުރެއްވި ވައިބާ މެސެޖުތަކެއް ކަމަށް ބުނާ މެސެޖުތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފަ އެވެ.

އެ މެސެޖުތަކުގައި މައުމޫން ވަނީ އެ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށާއި ދުނިޔޭގެ އެއްވެސް ގައުމެއްގައި ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު ކަނޑައަޅާފައި ނުވާ ކަމަޑް ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ކޮމިޓީގައި އެ އިސްލާހު ސަރުކާރު ކޯލިޝަންގެ އަގުލަބިއްޔަތުން ފާސްވުމުން ނިހާނު ކުރި މެސެޖުގެ ޖަވާބުގައި މައުމޫން ވަނީ ”ޕީޕީއެމްގެ ރައީސަކަށް ބަސް ނުވިކޭ މީހަކު ހުރުމުގެ މާނައެއް ނެތް،“ ކަމަށް ބުނެ ނިހާނަށް މެސެޖް ކޮށްފަ އެވެ.

މީގެ އިތުރުން ރޭ ދެ ޕާޓީން ބޭއްވި ބައްދަލުވުމުގެ ނިންމުން ޕީޕީއެމްގެ ކައުންސިލަށް ހުށަހަޅައިގެން ފާސްކުރަން މައުމޫން ހުށަހަޅާފައިވެ އެވެ. ނަމަވެސް ޕީޖީ ގްރޫޕުން ނިންމާފައިވަނީ އެ ގްރޫޕުން ނިންމާ ކަމެއް ކައުންސިލުން ފާސްކުރަން ނުޖެހޭނެ ކަމަށެވެ.

ރައީސާއި ނައިބު ރައީސްގެ އުމުރު ބަދަލު ކުރުމަށް އިސްލާހެއް މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި އުމުރުން 65 އަހަރަށް ވުރެ މަތީ އުމުރުގެ އެއްވެސް މީހަކަށް ރައީސް ކަމަކަށް ކުރިމަތި ނުލެވޭނެ އެވެ.

ގާނޫނު އަސާސީގެ 112 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޝަރުތަތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވެސް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތައް ކަމަށެވެ. އެހެންކަމުން މުހައްމަދު ހުށަހެޅުއްވި އިސްލާހު ރައީސްއާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ކޮންމެ ފަރާތަކަށް ވެސް ހިނގާނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *