ހުދުމުހުތާރު ވެރިކަމެއް އޮންނަ އުތުރު ކޮރެއާއިން އެއިޑްސް އަށާއި އެބޯލާއާއަށް ފަރުވާއެއް ހޯދާފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.
އުތުރު ކޮރެއާއަކީ އަބަދުވެސް އެގައުމުގެ ރައްޔިތުން މޮޔަ ހައްދައިގެން އުޅޭ ގައުމެއް ކަމަށް މުރާސިލުން ބުނާއިރު އެ ގައުމުގެ ސެންޓްރަލް ނިއުސް އޭޖެންސީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެއިޑްސް އަށާއި އެބޯލާއަށް އެގައުމުން ހޯދި ފަރުވާއަކީ ފަތްޕިލާވެއްޔާއި ސިއްހަތަށް ފައިދާހުރި ފަތާއި އަދި ހާއްސަ ސިއްރު މާއްދާއެއް ބޭނުންކޮށްގެން އުފައްދާފައިވާ ބޭހެއް ކަމަށެވެ. އަދި އެ ބޭހުގެ ނަމަކީ ”ކުމްޑަންގް – 2“ ކަމަށް އުތުރު ކޮރެއާއިން ބުނެ އެވެ.
”އަހަރުމެން އެ ބޭސް އުފައްދާފައިވާނީ ދުނިޔެއިން މަދުން ނޫނީ ނުފެންނަ ކަހަލަ ފަތްޕިލާވެއްޔާއި ސިއްރު މާއްދާއެއް ބޭނުންކޮށްގެން، މި ބޭހަކީ ކެންސަރާއި ، އެބޯލާ އަދި އެއިޑްސް އަށް ފަރުވާއެއް“ އުތުރު ކޮރެއާގެ ނޫސްބަޔާނުގައި ވެ އެވެ.
އެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެފްރިކާގައި އެއިޑްސް ޖެހިފައިވާ ބަޔަކަށް އެ ބޭސް ތަހުލީލުކޮށްފައިވާނެ ކަމަށާއި ތަހުލީލުގެ ނަތީޖާއިން 56 އިންސައްތަ މީހުން އެއްކޮށް ރަނގަޅުވި ކަމަށެވެ. އަދި އަނެއް 44 އިންސައްތަ މީހުންނަށް އެއިޑް އިން ލުޔެއް ލިބުނު ކަމަށެވެ. އެހެން ކަމުން އުތުރު ކޮރެއާއިން އުފެއްދި ބޭހަކީ ކާމިޔާބު ބޭހެއްކަން ސާބިތުވާކަމަށްވެސް ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.
އެއިޑްސް އަށް ފަރުވާއެއް ހޯދާފައިވާކަމަށް އެގައުމުން ބުނާއިރު އެގައުމުގެ ހުދުމުހުތާރު ވެރިޔާ ކިމް ޖޮން އުން އަކީ ހާއްސަ ބާރުތަކެއް ލިބިފައިވާ ފަރާތެއް ކަމަށް ރައްޔިތުން ގަބޫލުކުރަން އެގައުމުން މަޖުބޫރު ކުރުވައެވެ. އެގޮތުން ކިމް ޖޮން އުން އަށް ހާއްސަކޮށް އުފައްދާފައިވާ ބާގާއެއް ކެއުމުން އެއްގޮތަކަށްވެސް ކިމް ފާހާނާއަށް ދާން ނުޖެހޭ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. އަދި ފާއިތުވި ތިން ވޯލްޑްކަޕްވެސް ކާމިޔާބުކޮށްފައިވަނީ ދެކުނު ކޮރެއާއިން ކަމަށްބުނެ އެގައުމުގެ ނޫސް އޭޖެންސީން ހަބަރު ފެތުރި އެވެ.