ޒަމާން ތަކަކަށްފަހު ޕާކިސްތާނުގައި މިދިޔަ ޑިސެމްބަރު މަހުގައި ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒު ކުރަން ފެށި ނަމަވެސް މިހާރު ކުރިއަށްމިދާ ރޯދަ މަހާ ދިމާކޮށް ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒްކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
މިކަން މެދުކަނޑާލުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް އެންގީ އެ ގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފެވެ. ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރުން ރޯދައަށް މެދުކަނޑާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޕާކިސްތާނުގެ ގިނަ ސަރަހައްދުތަކުގައި ރޯދަހިފަން ފަށާފައިވަނީ އިއްޔެ އެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ޕާކިސްތާނުގައި ދަންޖައްސައިގެން 170 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ވެ އެވެ. މަރުގެ ހުކުމް އިއްވާފައިވާ 8200 އަށްވުރެ ގިނަ މީހުން އަދިވެސް އެގައުމުގެ ޖަލުގައި ތިބިކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
ޕާކިސްތާނުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ފެށީ 15 އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ.