މުޤައްދަސް މިނިވަންކަން

ލިޔުންތެރިޔާ:ޙަނީފް އޮލިވަރ
މިނިވަންކަމުގެ ހައްދުތައް އަހަރެމެން އަމިއްލައަށް ކަނޑައެޅުމަކީ ފެންނަފެނުމުގައި، އަހަރެމެންގެ ބޯމަތީގައި ދިއްލިފައިމިވާ ނޫއުޑުފަދައިން އެހާމެ ތަނަވަސް އަދި ފިސާރި ނަލަ ޗާލު އެއްޗެއްކަމުގައި ދެކިދާނެއެވެ. ނަމަވެސް އަހަރެމެންގެ އަމިއްލަ ނަފުސްތަކަށް އަހަރެމެން މިކުރަހާ ތަޞްވީރުގެ ފަހަތުގައި ފޮރުވިފައިވާ ހަޤީޤަތަކީ ކޮބައިބާވައެވެ؟
މުސްލިމުން އޭތިޒަމް ނުވަތަ އިލްޙާދަށް އިންކާރު ކުރަނީ ކީއްވެ؟
ކަލަކު ވޮޑިގެންވާކަމާއިމެދު މީސްތަކުންގެ ޢަޤީދާ
އޭތިޒަމް ނުވަތަ އިލްޙާދަކީ ޚާލިޤްވަންތަ އިލާހު ވޮޑިގެންވާކަމަށް އިންކާރުކޮށް، އަދި މި ކާއިނާތު ވުޖޫދަށް އައިސްފައިވަނީ އިލާހީ ޢިލްމުފުޅާއި، އިރާދަފުޅާއި އަދި ޤުދްރަތްތެރިކަމުން ނޫންކަމަށް ޤަބޫލުކޮށް އިޢުތިޤާދުކުރާކުރުންކަމުގައި ސިފަކުރެވިދާނެއެވެ. ތަހްޒީބާއި ތަމައްދުނުގެ ބާނީންކަމަށް ދައުވާކުރާ ހުޅަނގުގެ މަޝްހޫރު ގިނަ ބަޔަކު ތާރީޚުގެ އެކި ޞަފްޙާތަކުގައި ތިމަންނާ މެންނަކީ މުލްޙިދުންކަމަށް ނުވަތަ އިލާހެއް ވޮޑިގެންވާކަން ޝައްކުކުރާ މީހުން (agnostic)ކަމުގައި ދައުވާކޮށްފައިވިނަމަވެސް، ގިނަ ފަހަރު މިބައިމީހުންނަކީ އެމީހުންގެ މުޖްތަމަޢުތަކުގައި މަދުބައެކެވެ.
އޮޕީނިއަން ޑައިނަމިކްސް ކޯރޕަރޭޝަން އިން 2003 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހު އާއްމުކޮށްފައިވާ އެކޯރޕަރޭޝަންއިން ކޮށްފައިވާ ދިރާސާއެއްގެ ނަތީޖާގައި ބުނާގޮތުން ”އެމެރިކާގެ 92 އިން ސައްތަ މީހުން ކަލަކު ވޮޑިގެންވާކަން ޤަބޫލުކުރެއެވެ.“ އެނގި ބަޔާންވެގެންވާ ޙަޤީޤަތަކީ މީސްތަކުންގެ ތެރެއިން ގިނަ މީހުން ކަލަކު ވޮޑިގެންވާކަން ކޮންމެވެސް ހައިސިއްޔަތަކުން ޤަބޫލުކުރާކަމެވެ. އެހެނީ ކަލާނގެ ވޮޑިގެންވާކަމާއި އަދި އިންސާނާ ވުޖޫދުގައިވަނީ އިލާހީ ސަބަބުންކަން ޤަބޫލުކުރުމަކީ އެއީ އިންސާނާގެ ފިތުރަތުގައި ﷲ ލައްވާފައިވާ ކަމެކެވެ.
ކަލަކު ވޮޑިގެންވާކަމަށް އިންކާރު ކުރަމުންދާ މަދު ބައިގަނޑު އެކަންކުރަނީ އެމީހުންގެ ޚާލިޤުވަންތަ އިލާހު އެމީހުން އުފެއްދެވި ސާފު ފިތުރަތް ފޮރުވައި، އޭގެ މައްޗަށް ބޮޑާކަމާއި ޝައްކާއި ވަހުމްގެ ރަޖާ އަޅައިގެންނެވެ. ސަލާމްލެއްވި މޫސާގެފާނާއި ބަނީ އިސްރާއިލްގެ މީސްތަކުންގެ މައްޗަށް އަނިޔާވެރިވި ފިރުޢަޥްނުގެ ޙާލަކީވެސް މިއީއެވެ. އެނުބައި ނުލަފާ ފިރުޢަޥްނު ހަމައެކަނި މާތް ﷲ ވޮޑިގެންވާކަން އިންކާރުކުރީ އެކަންޏެއް ނޫނެވެ. އޭނާ ތިމަންނާ މިއީ ޢާލަމްތަކުގެ ވެރި ރައްބުކަމަށްވެސް ދައުވާކުރިއެވެ. މީސްތަކުންގެ މައްޗަށް މާތް ﷲ ބާވައިލެއްވި އެންމެ ފަހު ފޮތުގައި އެއިލާހު ވާޙީކުރައްވާފައިވެއެވެ.
”ފަހެ އޭނާ (މީސްތަކުން) އެއްކުޅައެވެ. އަދި ގޮވައިލިއެވެ. ފަހެ އޭނާ ބުންޏެވެ. އަހަންނަކީ ކަލޭމެންގެ އެންމެ މަތިވެރި ރައްބެވެ! “ (سورةالنّازعات : 24)
ފަހެ މިނުބައިވެގެންވާ ދައުވާ ފިރްޢަޥްނު ކުރީ އޭނާ އެކަން ޔަޤީންކޮށް ޤަބޫލުކޮށްގެނެއް ނޫނެވެ. އެހެނެއްކަމަކު އޭނާ މިނުބައި ދައުވާކުރީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުންނެވެ.
“ އަދި އެ އާޔަތްތައް އެއީ، ތެދުކަން އެބައިމީހުންގެ ނަފްސު ތަކަށް ޔަޤީން ވެތިބެ، އަނިޔާވެރިކަމާއި، ބޮޑާވެގަތުމުގެ ގޮތުން، އެ އާޔަތްތަކަށް އެބައިމީހުންއިންކާރު ކުރިއެވެ. ފަހެ، ފަސާދަކުރާމީހުންގެ ނިމުންވަނީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!“    (سورةالنّمل : 14)
ސަލާމްލެއްވި މޫސާގެފާނަށާއި އެކަލޭގެފާނަށް ތަބާވީ މީހުންނަށް މާތް ﷲ ކަނޑު ބައިބައިކުރެއްވި ހިނދު، ފިރުޢަޥްނުގެ ބޮޑާކަން އިސާހިތަކު ނިމިގެންދިޔައެވެ. އަދި އެހިނދުން އެނުބައި އަނިޔާވެރި ފިރްޢަޥްނަށް އޭނާގެ މަރުއައިސް ޖެހިއްޖެކަމާއި އަދި އޭނާ އެއިލާހަކަށް އިންކާރު ކުރަމުން އައި ޚާލިޤްވަންތަ އިލާހާއި ބައްދަލުކުރަންޖެހޭ ވަގުތު ކުޑަތަންވިކަން ކަށަވަރުވެ ޔަޤީންވިއެވެ.
“ އަދި ކަނޑު ހުރަސްކުރައްވައި ތިމަން އިލާހު އިސްރާއީލްގެ ދަރީން ގެންދެވީމެވެ. ފަހެ ފިރުޢަޥްނާއި އޭނާގެ ލަޝްކަރު ދެކޮޅުވެރިކަމާއި ޢަދާވާތްތެރިކަމުގައި އެބައިމީހުންގެ ފަހަތުން ދިޔައެވެ. ދެން އެފިރުޢަޥްނު ޣަރަޤުވީހިނދު އޭނާ ބުންޏެވެ.އިސްރާއީލްގެ ދަރިން އެއިލާހަކަށް އީމާންވާ، އެއިލާހު މެނުވީ (ޙައްޤުގޮތުގައި އަޅުކަމްކުރެވޭ ) އިލާހަކު ނުވާ އިލާހަށް އަހަރެން އީމާންވެއްޖައީމެވެ. އަދި އަހަރެންވަނީ މުސްލިމުންގެ ތެރެއިންނެވެ. (ފިރުޢަވްނަށް އެންގެވުނެވެ. ކަލޭ އީމާންވަނީ)މިހާރު ހެއްޔެވެ؟ އަދި މީގެ ކުރިން ކަލޭ ވަނީ އުރެދިފައެވެ. އަދި ކަލޭ ހިމެނެނީ ފަސާދަކުރާ މީހުންގެ ތެރެއިންނެވެ. ފަހެ ތިމަން އިލާހު މިއަދު ކަލޭގެ (ފުރާނަނެތް) ހަށިގަނޑު ސަލާމަތްކުރައްވާ ހުށީމެވެ. އެއީ ކަލޭގެ ފަހުން އަންނަ ބަޔަކަށް ޢިބުރަތެއް ކަމުގައި ކަލޭ ވުމަށްޓަކައެވެ. ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ގިނަބަޔަކު ވަނީ ތިމަން އިލާހުގެ އާޔަތްތަކާއި މެދުގައި ޣާފިލްވެގެންކަން ކަށަވަރެވެ.“ (سورةيونس : 90-92)
ހަމަ މިބީދައިން އެގްނޯސްޓިކުން ކަމަށާއި އަދި މުލްޙިދުންކަމަށް ދައުވާކުރަމުން އަންނަ މީހަކަށް ދިރިހުރުމާއި މަރާއި ދެމެދު ހުންނަ ޙާލަތަކާއި ދިމާވެއްޖެނަމަ، މިސާލަކަށް ވެއްޓެމުންދާ ބޯޓެއްގައި ހުންނަ މިފަދަ މީހާވެސް، ޚާލިޤްވަންތަ އިލާހަށް ޚާލިސްކޮށް ދުޢާކުރެވޭ މަންޒަރު ފެނިގެންދެއެވެ. ސަބަބަކީތޯ؟ ސަބަބަކީ އޭނާއަށް ޕައިލަޓުން ނުވަތަ، ވައިކުޑައަކުން، އަދި މާއްދީ އެއްވެސް އެއްޗަކުން އޭނާއަށް ދެން ކުރާނޭ ފައިދާއެއް އަދި މަންފާއެއް ނެތްކަން ޔަޤީންވެ، ޚާލިޤްވަންތަ އިލާހު އޭނާ އުފައްދަވާފައިވާ ސާފު ފިތުރަތައް އޭނާ ރުޖޫޢަވުމެވެ.
އެމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެމީހުންއަމިއްލަޔަށް އޮޅުވާލާފައިވާ އޮޅުވާލުމުގެ ފަރުދާ އުފުލިގެން ދަނީ މިހިނދުގައެވެ. އަދި އެހިނދުން އެމީހުން އެމީހުންގެ ވެރި ޚާލިޤްވަންތަ މަތިވެރި އިލާހަށް ރުޖޫޢަވެއެވެ. އެއިލާހަކީ އެމީހުން ކުރިން އެކަންތައްތަކެއްގެ މައްޗަށް ބަރޯސާވެގެންތިބި ކަންތައްތައް އަބަދުވެސް ތަދްބީރު ކުރައްވާ މަތިވެރިވެގެންވާ އިލާހެވެ.
“ ކަލޭގެފާނު ވިދާޅުވާށެވެ! އެއްގަމާއި ކަނޑުގެ އަނދިރިތަކުގެ ތެރެއިން (އެބަހީ އެއްގަމާއި ކަނޑުގެ ބިރުވެރި ކަމުގެ ތެރެއިން) ތިޔަބައިމީހުން މިންޖުކުރަނީ ކާކު ހެއްޔެވެ؟ މަޑުމޮޅިކަމާއި ވަންހަނާކަމުގައި ތިޔަބައިމީހުން އެއިލާހަށް ދުޢާކޮށް ދަންނަވަމުއެވެ. ހަމަކަށަވަރުން އެއިލާހު ތިމަންމެން މިކަމުން ސަލާމަތްކުރައްވައިފިނަމަ ޝުކުރުވެރިވާ މީހުންގެ ތެރެއިން ހަމަކަށަވަރުން ތިމަންމެން ވާހުށީމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުންވެސް އަދި ކޮންމެ ހިތާމަޔަކުންވެސް ތިޔަބައިމީހުން ސަލާމަތް ކުރައްވަނީ ﷲ އެވެ. ދެން އެއަށްފަހުވެސް ތިޔަބައިމީހުން ﷲ އާއި ޝަރީކުކުރަމުއެވެ.“ (سورة  الأنعام : 63-64)
ތިމާމެންނަކީ މުލްޙިދުން ކަމަށް ނުވަތަ އެގްނޯސްޓިކުން ކަމަށް ދަޢުވާކުރި މީހުން، މުޞީބާތުގެ ވަގުތުގައި ޚާލިޤްވަންތަ އިލާހުއެއްކައުވަންތަކޮށް އެއިލާހަށް ޚާލިޞްކޮށް ދުޢާކުރާ ހިނދު އެބައިމީހުންނަށް އެއިލާހު ވޮޑިގެންވާކަމާއި އެމުޞީބާތުން އެމީހުން ސަލާމަތްކޮށްދެވޭނީ ހަމައެކަނި އެއިލާހަށްކަން ކުއްލިއަކަށް އެމީހުންނަށް އިޚްޞާޞް ވެގެންދެއެވެ. އެބައިމީހުންނަށް މިގޮތުގެ މަތިން އިހުސާސްވެގެންދަނީ ﷲ ވޮޑިގެންވާކަން އެބައިމީހުންގެ ޙިއްސުތަކަށް އެނގޭތީއެވެ.
(ނުނިމޭ… ދެން އަންނަ ޢަދަދެއްގައި ބަލާލާނީ ޚާލިޤްވަންނަ އިލާހު ވޮޑިގެންވާކަމުގެ ހެކިތަކުގެ މައްޗަށެވެ. އިން ޝާ ﷲ)
ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *