މޫސާ އަހުމަދު: މޫދު ކަސްރަތާއި ފެތުމުން ދުޅަހެޔޮ ދިރިއުޅުމެއް ލިބިފައިވާކަމަށް މޫސަ ބުނޭ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މޫސާ އަހުމަދު: މައި ބަދައިގެ ބޮޑު އޮޕަރޭޝަނަކުން ސަލާމަތްކޮށްދިނީ މޫދު ކަސްރަތު !

1
ފޮނަދޫ އަޒްމީ އަލީ
ގުޅުން ހުރި
Ads by Ooredoo Maldives

ލ ފޮނަދޫ، ނަސްރުއްސަބާހް، މުސާ އަހުމަދާއި ދިމާވީވެސް މޫދަށް އެރި އުޅެނިކޮށެވެ. އޭރު ގަޑިން ވާނީ ގާތްގަނޑަކަށް، ހެނދުނު 06:15 ހާއިރެވެ. ލ ކައްދުއާއި ފޮނަދުއާއި ގުޅުވައިދޭ ކޯޒްވޭ ކައިރިއަށް މޫދަށް ގޮސް އުޅުނީ އުމުރުން 66 އަހަރުގެ މޫސާ އަހުމަދާއި އޭނާގެ ދެ އެކުވެރިންނެވެ.

އެންމެ ފާހަގަވި ކަމަކީ އެ އުމުރުގައިވެސް މޫސަގެ “އެކްޓިވް” ކަމެވެ. އަދި އެ ތިން މީހުން، ކުރެން “ކޮންމެ ދުވަހަކު މޫދަށް އަންނަންހޭ؟” ސުވާލު ކުރުމުން ދެން ތިބި ދެމީހުންވެސް ބުނީ މިއީ މޫސަގެ ފެށުމެއް ކަމަށެވެ. މޫސަ ގަވާއިދުން މިކަމެއް ކުރާތާ މިހާރު ގާތްގަނޑަކަށް ހަ މަސް ދުވަސް ވެދާނެ ކަމަށް ދެން ތިބި ދެމީހުން ބުންޏެވެ.

Ad by Poise Perfumes

މޫސަ ބުނިގޮތުގައި މޫދަށް އައުން ފެށުނީ ދިރިއުޅުމުގައި ދިމާވި ބޮޑު ކަމަކުންނެވެ. އެކަން ފެށުނު ހިސާބުން މޫސަގެ ވާހަކަ ފެށި އެވެ.

“ނިމިދިޔަ ރޯދަމަސް ހިސާބުގަ ތަދުވާން ފެށީ ކަކުލާއި އުނަގަނޑާއި އެއްކޮށް، ނަމާދު ކުރަނީވެސް އަދި ތަރާވީހް ކުރަނީވެސް މިސްކިތުގައި ގޮނޑިއެއްގައި އިށީނދެ އިނދެ، ފުރަތަމަ ދެއްކީ ގަމު ހޮސްޕިޓަލުގައި ހުރި ކަށީގެ ޑަކުޓަރަކަށް، އެ ޑަކުޓަރު ބުނީ ފަސް ދުވަސް ވާންދެން ފިޒިއޮ ތެރަޕީ ހަދަން، އެކަމަކު އެކަމެއް ކުރުމުން ހާލަތު ވީ މުޅިން ގޯސް، ތަދުވާ ވަރުން ނުވެސް ހިނގުނު” މޫސަ އަށް ދިމާވި ކަންތައް ކިޔައިދިނެވެ.

މޫސަ ބުނީ ފަރުވާއަކަށް އެދި ދެން ދިޔައީ މާލެ ކަމަށާއި ގޮސް ދެއްކީ ކަށީގެ ޑަކުޓަރެއް ކަމުގައިވާ ޑރ. ހުސެއިން ފައިސަލަށް ކަމަށެވެ. އެމްއާރު އައި އެއް ހެދުމަށްފަހު ޑރ. ފައިސަލް ދިން ޖަވާބަކުން ކަންބޮޑުވި ނަމަވެސް ޑރ. ފައިސަލްގެ އިރުސާދު ކިތަންމެހާވެސް ރަނގަޅު ކަމުގައި މޫސަ ކިޔާދިނެވެ.

“އެމްއާރުއައި ބަލާފައި ބުނީ ކަނދުރާ މަތިން މައިބަދައިގެ ދެ ބަދަ އަދި އުނަގަނޑުން ތިން ބަދަ އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް، ވަގުތީ ހައްލަކީ މޫދަށް ގޮސް ކަސްރަތުކޮށްލާ، ފަތާލައި ހެދުން ކަމުގައިވެސް ޑރ. ފައިސަލް ލަފާ ދެއްވި” މޫސަގެ ވާހަކަ ދުވަހަށް ކިޔައިދިނެވެ.

މޫސަ އޭނާގެ ދެ އެކުވެރިންނާއެކު ، ކައްދޫ އަދި ފޮނަދޫ ގުޅުވައިދޭ ކޯޒްވޭ މަތީގައި — ދުވަސް ފޮޓޯ: އަޒްމީ އަލީ

މޫސަ ބުނީ އެއަށްފަހު ރަށަށް އައިސް މޫދަށް އެރުނީ ގެއާއި ކައިރި ސަރަހައްދަކަށް ކަމަށާއި ނަމަވެސް ބޮޑު ދިޔައިގާވެސް އެ ސަރަހައްދުގައި ލޮނުގަނޑު ހުންނަނީ ކަކުލުން މައްޗަށް ކަމުން މޫދު ކަސްރަތާއި ފެތުމުގެ ކަންތައް އެހާ ރަނގަޅަށް ކުރިއަށް ނުގެންދެވުނު ކަމަށެވެ. އަދި ހަފްތާއެއްހާ ދުވަހު މޫދަށް ގޮސްގެންވެސް އެކަމުން ރާހަތެއް ނުކުރުމުން މޫދަށް ދިއުން މެދުކަނޑާލި ކަމުގައިވެސް މޫސަ ބުންޏެވެ.

“ދެން މި ވީ ގޮތަކީ އެއް ދުވަހަކު ގަމުގައި އުޅޭ ރައްޓެއްސެއްގެ ގާތު މިވާހަކަ ހިއްސާކުރީ، އޭނާވެސް ބުނީ މަސްވެރިކަމުގައި ގޮސް އެންދަމަން ފައިބާ، ފަތާލާ ހެދުމުން ތަދުތައް ފިލާ ދާކަމަށް، ދެން މޫދަށް ދާން ފެށީ ރަށު ބަނދަރަށް، އަލްހަމްދުލިﷲ ފަސް ދުވަސް ތެރޭގައި ނަތީޖާ ފެންނަން ފެށި، މިސްކިތުގައި ގޮނޑީގައި އިނދެ ނޫނީ އޭރު ނަމާދު ނުކުރެވޭއިރު ފަސް ދުވަހުގެ ތެރޭގައި ގޮނޑި ދޫކޮށްލާފައި ނަމާދުކުރަން ފެށުނު” މޫދު ކަސްރަތާއި ފެތުމުން މޫސައަށް ލިބުނު ކުރިއެރުން ކިޔާދިނެވެ.

މޫސަ، އޭނާގެ ދެ އެކުވެރިންނާއެކު މޫދުގައި — ދުވަސް ފޮޓޯ: އަޒްމީ އަލީ

ނަމަވެސް މޫސަ އަށް މާކަ ގިނަ ދުވަހަކު ބަނދަރަށް އެރެވޭ ގޮތެއް ނުވި އެވެ. މޫސަ ކިޔައިދިން ގޮތުގައި މަހެއްހާ ދުވަސް ތެރޭގައި ގައި ކަހަން ފެށުމުން ރަށު ސިއްހީ މަރުކަޒުގެ ޑޮކްޓަރަކަށް ދެއްކުމުން މޫދަށް އެރޭ ސަރަހައްދު ބަދަލުކޮށްލަން އިލްތިމާސް ކުރި ކަމަށެވެ. އަދި ލ އަތޮޅު ގާދޫ މީހުން އާބާދު ކުރެވުނު ސަރަހައްދުގައި އޮތް ފުންކޮޅަކަށް މޫދަށް އެރެން ފެށިނަމަވެސް އެތަނަށް މޫދަށް ދިއުން މެދުކަނޑާލަން ޖެހުނީ އަންހެންވެރީން އެ ސަރަހައްދު “ވެރިކޮށްލުމުން” ކަމުގައި މޫސަ ކިޔައިދިނެވެ.

“މިހާރު މޫދަށް މި އަންނަނީ މިތަނަށް (ކައްދުއާއި ފޮނަދޫ ގުޅުވައިދޭ ކޯޒްވޭ ކައިރިއަށް)، މިތަނަށް މޫދަށް އަންނަތާ މިހާރު ހަތަރު ވަރަކަށް މަސް ވެދާނެ، އަލްހަމްދުލިﷲ ނަތީޖާ ވަރަށް ރަނގަޅު، މިހާރު ހަމަ އެއްގޮތަކަށްވެސް ތަދެއް ނުވޭ” މޫދު ކަސްރަތާއި ފެތުމުން މޫސައަށް ލިބުނު ކުރިއެރުން ހިއްސާ ކުރަމުން މޫސަ ބުންޏެވެ.

މޫސަ އިތުރަށް ބުނީ ތަދަށް ލިބެމުން ދިޔަ ލުއިކަން ދިޔައީ އަނބިދަރީންނަށް ނުއެނގޭ ގޮތަށް އަމިއްލައަށް ޓެސްޓް ކުރަމުން ކަމަށާއި އެގޮތުން މަޑުމަޑުން މަސައްކަތް އިތުރު ކުރަމުންގޮސް، ވެލި ފުރާފައި ހުރި 10 ލީޓަރުގެ ދެ ބާލިދީ ދެ އަތަށް ލައިގެން ދެކޮޅަށް ހިނގިއަސް ތަދު އިހުސާސް ނުކުރެވޭ ކަމަށެވެ. އަދި ހަށިގަނޑުގެ ބަރުދަންވެސް 73 ކިލޯ އިން 67 ކިލޯއަށް ލުއި ކޮށްލެވިއްޖެ ކަމަށެވެ.

މޫސަ އަދި އޭނާގެ ދެ އެކުވެރިން، މޫދުން އަރަނީ — ދުވަސް ފޮޓޯ: އަޒްމީ އަލީ

މޫދު ކަސްރަތާއި ފެތުމުން މޫސައަށް ލިބުނު ދުޅަހެޔޮ ދިރިއުޅުމަށް މޫސަ އެންމެ ފުރަތަމަ ޝުކުރު އަދާކުރަނީ މާތް ﷲ އަށެވެ. އަދި ޑރ. ފައިސަލް ދެއްވި އިރުސާދަށް އިންތިހާއަށް ޝުކުރުވެރިވާކަމަށާއި މޫދު ކަސްރަތާއި ފެތުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދެވަނައެއް ނެތްވަރުގެ ފަރުވާއެއްކަމުގައި މޫސަ މިހާރު ގަބޫލުކުރާ ކަމުގައި އޭނާ ބުންޏެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

ކޮމެންޓް

  1. މަވެސް އެހެންވެން މިހާރު މޫދަށް އެބަދަން މަވެސް ތަދަވަނޫ ހަމަކަކެލާ އުނނަގަނޑާ އެއްހަފުތާ ދިޔަރު ވަރަށް ފަސޭހަވެއްޖަ

LEAVE A REPLY