އުފަންވުމުން…  ފަސްވަނަ ބައި 

1
މުހައްމަދު ޝާހީން
ގުޅުން ހުރި
Ads by Ooredoo Maldives

ކުރީގެ އަދަދާއި ގުޅޭ…

ހާމިދު ބުނި ތަކެތި ހޯދާ ހަމަކުރުމަށްފަހު ނާއިލް ގެއަށް އަހިސް ވަންއިރު ނާއިލާ އިނީ މައިގޭތެރޭގައެވެ. ނާއިލްގެ އިންތިޒާރުގައެވެ.

Ad by Poise Perfumes

” ދޮންބޭ.. މެންދުރަށް ކާއެއްޗެއް ހަދަންކަމަށް މިއުޅެނީ.. ކޮންއެއްޗެއް ހެދިއްޔާތަ ރަނގަޅުވާނީ؟ ފިހާރަޔަކުން ބޭނުން ވާނޭ ތަކެތި ގަނެގެން ގެނެސްދޭންވީނު..”. ނާއިލާގެ ވާހަކަތަކުން ނާއިލަށް ހިތްހަމަޖެހުން ލިބުނެވެ. ޒަމާންތަކަކަށްފަހު ނާއިލާގެ މިޒާޖަށް އަންނަމުންދާ ހެޔޮ ބަދަލުތަކުން ނާއިލަށް ހިނިތުންވެލެވުނެވެ. އަދި ނާއިލާގެ ބޮލުގައި ލޯތްބާއެކު ފިރުމާލުމަށްފަހު ގެއިން ބޭރަށް ނުކުމެ ގެއާ އެންމެ ކައިރީގައި ހުރި ފިހާރައާ ދިމާލަށް ހިނގައިގަތެވެ.

ބާޒާރު ކޮތަޅުތައް ހިފައިގެން ނާއިލް ފިހާރައިން ނުކުންނަނިކޮށް ފިހާރައަށް ވަންނަން އައި މީހެއްގެ ގައިގާ ޖެހިފައި ނާއިލްގެ އަތުގައިހުރި ކޮތަޅުތައް ބިންމައްޗަށް ވެއްޓިއްޖެއެވެ.

” ސޮރީ.. ” އެ މީހާ މާފަށް އެދެމުން އަވަސްއަވަހަށް ގުދުވެ ކޮތަޅުތައް ނަގައި ނާއިލް އަތަށް ދިއްކޮށްލިއެވެ.

” އަހަނ.. އައިމަން… އައިމަން ދޯ؟؟.. ކޮންތާކު ތިއުޅެނީ؟ ހާދަނުފެނެޔޭ؟ ކިހިނެއްތަ ހާލު؟ ..” ޒަމާންތަކަކަށްފަހު ނާއިލްގެ އެކުވެރި އައިމަން ފެނުމުން ނާއިލަށް ލިބުނު ހައިރާންކަމާއި އުފަލާއެކު އެއްފަހަރާ އެތައް ސުވާލުތަކެއް ކޮށްލެވުނެވެ.

” އަހަރުން ކަހަލަ މީހުންގެ ހާލު ރަނގަޅެއް ނުވާނެއްނުދޯ.. މިދެން ހަމަ ޖައްސާލީ މިހާރު ރަށަށް ނާދެވޭތީ.. ޗުއްޓީއެއްގަ ރަށަށް އައުމަށްވުރެ އަބަދު ރިޒޯޓްގައި އުޅެންވެސް ހިތަށް މާފަސޭހަވާނެ.. ” އައިމަންގެ ފަރާތުން ލިބުނީ ފިނި އަދި އެހާމެ ހިތި ޖަވާބެކެވެ. ނާއިލާ ވަކިވެ ދިއުމުން އޭނާގެ ހަޔާތަށް ވެރިވި ބަނަކަމުގެ އަސަރު އަދިވެސް އެ މޫނުމަތިން ފިލާ ނުދެއެވެ. އެ ބަނަކަމުގައި އޭނާގެ އުޅުމާއި އަޚުލާޤުވެސް ދަނީ ބަދަލުވަމުންނެވެ. މުޅި މީހާގެ ހަށިގަނޑާއި ހެދުން އެޅުމުގެ ވައްޓަފާޅިވެސް ވަނީ މުޅިން ބަދަލުވެފައެވެ. ކުރިން ރީތިކޮށް ބޯކޮށާފައި ހުއްޓަސް މިހާރު އޭނާގެ ބޮލުގެ އިސްތަށިގަނޑު ހީވަނީ ހަތައެއްހެނެވެ. ކަރުގައި އަޅާފައިވާ ފަށާއި ލާފައިވާ ޖިންސާއި ޓީޝާޓުން އޭނާއަކީ މަގުމައްޗަށް ގިނަވެގަނެގެން އުޅޭ ޒުވާނަކާ އަދު އެއްވެސް ތަފާތެއް ނެތެވެ. ނާއިލްގެ ލޮލުގައި، އައިމަންއަށް އައިސްފައިވާ މިބަދަލު ކިތަންމެ ރަނގަޅަކަށްވެސް އަޅައިގަތެވެ. ހަމަ އެއާއެކު އޭނާގެ ކޮއްކޮ ނާއިލާގެ ސަބަބުން ނިކަމެތި ނަފުސެއްގެ ސިފައާއި އުޅުމަށް ނޭދެވޭ ބަދަލެއް އައިސް، ހަޔާތް ބަރުބާދުވެ ހަފުސްވަމުންދާކަން އިހުސާސް ކުރެވުމުން ނާއިލްގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. އޭނާގެ ހިތަށް ވަރަށްވެސް ފުން ހިތާމައެއްގެ އަސަރުކޮށްފިއެވެ.

” އައިމަން.. އަހަންނަށް އެނގޭ އައިމަން އަހަރެންގެ ކޮއްކޮ ނާއިލާ އާއި އަހަރެމެންގެ އާއިލާއަށް ނަފުރަތު ކުރާނެކަން… ރުޅިއަންނަކަން.. ކުރާނެކަމެއްނެތް. ވެދިޔަތަން ވެދިޔައީ…. އެނގޭ މިހެން ބުންޏަސް ނުފުދޭނެކަން.. އެކަމަކު އަދު އަހަރެން ވަކިކުރާނީ ކީއް؟. އަހަރެންގެ ކޮއްކޮގެ ފަރާތުން އަހަރެން މާފަށް އެދެން.. އުންމީދުކުރަން އައިމަން އަހަރެންގެ ކޮއްކޮއަށް މާފުކުރާނޭކަމަށް.. ” އެންމެފަހުން ނާއިލް އިސްދަށަށް ޖަހައިގެން ހުރެ ލަދުވެތިކަމާއި ހިތާމަ އިހުސާސް ކުރާ ހާލު އޭނާގެ ކޮއްކޮއަށް މާފުކޮށްދިނުމަށް އައިމަންގެ ކިބައިން އެދުނީއެވެ. އައިމަން އެހުރިގޮތަށް ހުރީއެވެ. އަނގައިން ހަމަ އެންމެ ބަހެއްވެސް ބޭރުކޮށްނުލައެވެ. މާޔޫސްވެފައިވާ ހާލު ނާއިލް ގެއާ ދިމާލަށް ހިނގައިގަތެވެ.

އައިމަންގެ ހިތަށް އެތައް ޝުއޫރުތަކެއް އަރާފައިބަމުން ދިޔައެވެ. އޭނާ ނާއިލާދެކެ އިންތިހާއަށް ލޯބިވިއެވެ. އަދިވެސް ލޯބިވޭމެއެވެ. ނާއިލާ އޭނާއަށް ދިން ތަހަންމަލް ނުކުރެވޭފަދަ ހިތްދަތިކަމަށް މާފުކުރަން ބޭނުންވެއެވެ. އެހެނަސް އޭނާގެ ހަޔާތަށް ނާއިލާގެ ފަރާތުން ވެރިވި ކަޅުއަނދިރިކަމާއި އެފަދަ އެތައް ތަޖުރިބާއެއް ތަކުރާރު ކުރަންޖެހުނު ޖެހުމުން އޭނާވަނީ ބަދަލުވެފައެވެ. އޭނާއަކީ ކުރީގެ އައިމަންއެއް ނޫނެވެ. އޭނާގެ ކިބައިގައި އަދު ތަފާތެއްވެއެވެ. ޒަހަމްގެ ފުނޑުފުނޑުވަމުންދާ ހިތް ނާއިލާއަށް މާފުކޮށްދިނުމަށް އެދި ރޮއި އާދޭސް ކުރިއަސް، އޭނާގެ ޟަމީރު އެކަމަށް ހުރަސް އަޅާނޭކަން ކަށަވަރެވެ.

” ހުރިހާ އަންހެނުންވެސް ވާނީ ހަމައެއްގޮތެއް.. ތަފާތު ހަމަ އެކަކުވެސް ނޫޅޭ.. ދުވަސްކޮޅަކު ލޯބިވެޔޭ ކިޔައިގެން އުޅެދާނެ.. ދެން ހަމަ ގަޔާވާ އެހެން މީހަކު ފެންނައިރަށް ބުނާނެ ކަލޭދެކެ ލޯތްބެއް ނުވެޔޭ.. އަނެއްކާ މޮޅުކަމަކީ ހުރިހާ އަންހެނުންވެސް އުޅޭނީ ރަނގަޅު ބަޔަކު ކަމުގައި ހެދިގެން.. އެކަމަކު ކަމުދާނީ ރަށުތެރެއަށް ގިނަވެގަނެގެން އުޅޭ ޕާޓޭއިން.. ބާރުގަދަ މީހުން.. ރަނގަޅު ޒުވާން ފިރިހެން ކުއްޖަކާ ރައްޓެހި ވެއްޖިއްޔާ ދެދުވަސްނުވެ އެކުއްޖަކުގެ ހަޔާތް ބަރުބާދު ކޮއްލާނެ..” އައިމަން ޒޭނާއާ ވާހަކަދެއްކީ ފޯނުންނެވެ. އެއީ މީގެ ދެތިންމަސް ކުރިންނެވެ. ނާއިލާ އައިމަންއަށް ބޭވަފާތެރިވުމުން އެކަމުގެ ހިތާމާގައި، އެހަނދާންތަކުގައި އައިމަން އެތައް ދުވަސްތަކެއް ވޭތުކުރުމަށްފަހު ޒޭނާގެ ލޯބި ހޯދަން މަސައްކަތް ފެށީ އޭނާގެ ރައްޓެހިން ކިޔާވަރުންނެވެ. އަދި ހާއްސަކޮށް އިސްވެ ޒޭނާގެ ފަރާތުން އޭނަޔާ ގަޔާވާކަމުގެ އަމަލުތަކަކާއި އިޝާރާތްތަކެއް ލިބުމުންނެވެ. އެހެނަސް ޒޭނާގެ ލޯބި ހޯދަން އޭނާ މާބޮޑު މަސައްކަތެއް ނުކުރެއެވެ. އެކުގައި އުޅޭ ރައްޓެހިންނަށް އޭނާ އުޅޭ ހާލު ފެނި އެކަމުން ދުރުކުރަން އެމީހުން ކިޔަން ފެށުމުން ގުޅަނީއެވެ. ވާހަކަ ދައްކަނީއެވެ. ލޯބިވާކަމުގައި ބުނޭވެސް މެއެވެ. މާގިނަ ދުވަސްތަކެއް ނުވެ ދެމީހުން ލޯބީގެ ގޮތުން ގުޅުނުވެސްމެއެވެ. އެހެނަސް ނާއިލް މުޅިންހެން ދައްކަނީ އަންހެން ކުދިންނަށް އިތުބާރު ނުކުރެވޭ ވާހަކައެވެ. އޭނާގެ ވާހަކަތަކުގައިވަނީ މާޔޫސީކަމެވެ. އޭނާގެ ބަސްތައް ހިތި ޒަހަރުފަދައެވެ.

” އައިމަން.. ދެން ތިގޮތަށް އަބަދު ވާހަކަ ނުދައްކަބަލަ.. ހުރިހާ އަންހެނުން އެއްގޮތެއް ނުވާނެޔޭ.. އަހަރެންނަށް އެނގެޔޭ ނާއިލާ އައިމަންއާމެދު ކަންތައް ކުރިގޮތުންކަން ތިހެން ތި ވިސްނަނީ.. އައިމަންއަށް ނޭނގުނަސް އަހަރެންނާ ނާއިލާއާ ވަރަށް ތަފާތުވާނެ.. ނާއިލާމެންފަދަ ކުދިން އަބަދުވެސް ބޭނުންވާނީ ދެއްކެން.. ބާރުހުރި ނުފޫޒުގަދަ މީހުންނާ ރައްޓެހިވާން.. އަމުދުން އެފަދަ މުއްސަނދި އާއިލާއަކު ހުންނަ އެންމެ އަންހެން ކުއްޖެއް އުޅޭނީ އިނގިއްޔަކަށް ފިރިހެނެއް ގޮވައިގެން.. އަހަރެން އެހެނެއް ނުވާނެ.. އަހަރެން އައިމަންއަށް މުޅިން ތަފާތު ދިރިއުޅުމެއް ހޯދައިދޭނަން.. އައިމަން އަހަންނަށް އިތުބާރު ކޮށްބަލަ.. ” އައިމަންގެ ވާހަކަތަކާއެކު، އޭރު ޒޭނާ މަސައްކަތްކުރަމުންދިޔައީ އައިމަންއަށް ވިސްނައިދެވޭތޯއެވެ. މިއީ އެ ދެ މީހުންގެ ލޯބީގެ އާސަފްހާ ފެށިގެން އައިއިރު ހަމަ ކޮންމެ ފޯނުކޯލެއްގެ ނުވަތަ ބައްދަލުވުމެއްގެވެސް އާދައެވެ. މައިގަނޑު މައުޟޫޢެވެ. އެހެނަސް ޒޭނާގެ ވާހަކަތަކާއި، ޒޭނާ އައިމަންއަށް ދެމުންއައި ލޯބީގެ ސަބަބުން އައިމަން ދިޔައީ ބަދަލުވަމުންނެވެ. އޭނާ އަންހެން ކުދިންނާ ބެހޭގޮތުން ދައްކަމުން އައި ވާހަކަތައް މުޅިން ހުއްޓުމަކަށް އައެވެ. ދެވަނަ ފަހަރަށް އަންހެނަކަށް އިތުބާރު ކުރިއެވެ. ތަފާތެއް ވާކަމަށް ގަބޫލުކުރަމުންނެވެ. އެހެނަސް ޒޭނާއާއި އެހެން ފިރިހެން ކުއްޖެއްގެ ލޯބީގެ ގުޅުން އަމިއްލަ ލޮލަށް ފެންނަންދެނެވެ. މާޒީގެ ހިތްދަތި ކުރުވި ހާދިސާ ދެވަނަ ފަހަރަށް ތަކުރާރުވުން ވެގެންދިޔައީ އައިމަންގެ ދިރިއުޅުމަށް ގެނުވި ބޮޑު ބަދަލަކަށެވެ.

ނާއިލް ގޯޅިއަކަށް އަޅައި ލޯމައްޗަށް ގެއްލެންދެން ބަލަހައްޓައިގެން ހުރި އައިމަން އޭނާގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ނާއިލްއާ ކުރިންއޮތް އެކުވެރިކަމަކާއި ގާތްކަމަކުން، ނާއިލް ދެންމެ އެ ދެއްކި ވާހަކަ ތަކަކުން އޭނާގެ ހިތަށް މާބޮޑު އަސަރެއް ކޮށްފައިނުވާކަމަށް އޭނާގެ މޫނުމަތި މިހާރު ހެކިދެއެވެ. އޭނާ މިހާރު ގަބޫލުކުރާ ގޮތުގައި ހުރިހާ އަންހެނުންނަކީވެސް ކެހިވެރި ދޮގުވެރި ބައެކެވެ. އެމީހުން ގަޔާވާނީ، އެމީހުން އަމިއްލައަށް ޕާޓޭއިންނޭ ގޮވާ މީހުންގެ ގޮތްގަނޑަށް ތިބެ އެ ގޮތަށް އުޅުމުންކަމުގައި އޭނާއަށް ވިސްނެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ރިސޯޓްގައި ވަޒީފާ އަދާކުރަމުން ދާއިރު އެތައް ދިވެހި އަންހެން މުވައްޒަފުންނަކާއި، ޔޫރަޕްގެ ދޮން ފަތުރުވެރީންނެއް އޭނާއަށްޓަކައި ހުރިހާ އެއްޗެއް ގުރުބާންކުރީ އޭނާގެ އެ ބަދަލެވެ.

އެހެނަސް އައިމަންއަށް ނުވިސްނޭ އެއްކަމެއް އެބައޮތެވެ. ދުނިޔެމަތީގައި އެކި އިންސާނުން އިމްތިހާން ކުރެވެނީ އެކިގޮތަށެވެ. އެކަކަށް ތަކުރާރުކޮށް ބޭވަފާތެރިންނާ ދިމާވުމުގެ މާނައަކީ ވަފާތެރިން ހުސްވުމެއް ނޫނެވެ. އައިމަން ކޮންމެ ގޮތަކަށް ގަބޫލުކުރިކަމުގައިވިޔަސް ތަފާތު އަންހެން ކުދީން ތިބޭނެއެވެ. އައިމަން އަމިއްލައަށް ހޯދައިގަތް ބަދަލަކީ ކާމިޔާބީއެއް ކަމަށް އޭނާ އަދު ދެކުނަސް އޭނާގެ އެ ނޭދެވޭ އުޅުމުގެ ސަބަބުން އާޚިރުގައި އޭނާއަށް އެކަމުގެ ހިތިކަމާއި ވޭން އިހުސާސްކުރަން ޖެހޭނޭކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. ދިމާވާ ދެތިން އިމްތިޙާނުން ފެއިލްވެ ރަނގަޅު އިންސާނާ ނުބައިމަގު އިހުތިޔާރު ކުރާލެއް ހާދަހާވާ ފަސޭހައެވެ.

” ހަލޯ.. ކޮންތާކު ތިހުރީ؟ ” ނާއިލް އިޝާނަމާދަށް މިސްކިތަށް އަރައަރާ ހުއްޓާ ހާމިދު ގުޅުމުން އޭނާގެ ފޯނުނެގިއެވެ. އަދި ހާމިދުގެ ސުވާލަށް ޖަވާބުދިނެވެ. “ނަމާދަށް މިއަރަނީ..”.

” އުހުނ.. މިރޭދެން އިޝާނަމާދަށް އަރަން ހަދާނެކަމެއްނެތް.. އަވަހަށް އާދޭ މަގޭ ގެއަށް.. މަ ހޯދަން ބުނި ތަކެތި ހިފައިގެން އަންނާނީ..” ހާމިދުގެ ވާހަކައަށް ދޭނެ ޖަވާބަކާމެދު ކުޑައިރުކޮޅަކު ވިސްނަން ހުރުމަށްފަހު މިދަނީއޭ ބުނެ ފޯނު ކަނޑާލުމަށްފަހު ނާއިލް ފޯނު ޖީބަށް ލިއެވެ.

ނާއިލް ހުރީ ދެ ޚިޔާލެއްގައެވެ. ހާމިދު ބުނިގޮތަށް ނަމާދަށްވެސް ނާރާ މިގަޑީގައި އެގެއަށް ދާންވީހެއްޔެވެ؟ ގައިމު ކުރިން ހާމިދު ބުނެފައިވަނީ މަސައްކަތް ފަށާނީ އިޝާ ނަމާދަށްފަހުގައި ކަމަށެވެ. އެކަމަކު މިހާރު…

ހާމިދު އުޅޭ ގެއާ އަރާ ހަމަވިއިރު ނާއިލްގެ ފޯނު އަނެއްކާވެސް ރިންގްވާން ފަށައިފިއެވެ. އަވަސް ހަރަކާތަކާއެކު ފޯނު ޖީބުން ދަމައިގަނެ ސްކުރީނަށް ބަލައިލުމަށްފަހު ބިޒީކޮށްލިއެވެ. އޭނާގެ ހަރަކާތްތަކުން މި ވަގުތު އެހެން އެއްވެސް ކަމަކަށްވުރެ މިރޭގައި ކުރަންއުޅޭ ކަންތައް އޭނާއަށް މާ މުހިންމުކަން އެނގެއެވެ. އެހެންނޫންނަމަ އޭނާގެ ކޮއްކޮ ނާއިލާ ގުޅުމުން ޖަވާބު ދިނުމުގެ ބަދަލުގައި އެގޮތަށް ބިޒީކޮށެއް ނުލާނެއެވެ.

“އައްސަލާމް އަލައިކުމް” ނާއިލް ސަލާމް ގޮވިއިރު ހާމިދު ގޭގެ ދޮރުމަށްޗަށް އަރަނީއެވެ. ގޭމައިދޮރާށި ކައިރީގައި ހުރި ނާއިލަށް ހާމިދު އިޝާރާތްކުރީ ގެއަށް ވަނުމަށެވެ. އޭނާ ވާހަކައެއް ނުދައްކައެވެ. އެންމެ ކުޑަމިނުން ސަލާމް ބަލައެއްވެސް ނުގަނެއެވެ.

ހާމިދުގެ ފަހަތުން ހިނގާފައިގޮސް ނާއިލް، ހާމިދުގެ ސިހުރު ހާހޫރައިގެ މަސައްކަތަށް ހާއްސަކޮށްފައިވާ ކޮޓަރިއަށް ވަދެއްޖެއެވެ. އެކޮޓަރީގައިވަނީ އަލި މަޑު، ކުލަ ބޮތްކެއްގެ ފަނޑު އަލިކަމެކެވެ. ވަށައިގެން ކަޅުފޮތި ދަމާފައިވާ ފާރުތަކުގެ އެކޮޓަރިއަށް އެމަޑުމަޑު ރަތްކުލައިގެ އަލިކަން ފެތުރިފައިވާއިރު ފެންނަމުންދިޔައީ ފަޅުކަމެވެ. ހަމަހިމޭންކަމާއެކު ހުރި ނާއިލްގެ ހިތަށް ބިރުވެރިން އިހުސާސްކުރުވާފަދަ ގޮތްތަކެއް ސިފަވަމުންދިޔައެވެ. ކުރިންވެސް މިކޮޓަރިއަށް ވަދެފައި ވީނަމަވެސް ނާއިލްއަށް އަދިވެސް ކޮޓަރީގެ އެކި ދިމަދިމާލަށް ކަޅި ހިންގެމުން ދަނީއެވެ.

” ނާއިލް.. މިގޮނޑީގައި އިށީންދޭ.. ކޮބާ ގެނައިތަކެތި؟ އެއެއްޗެހި މި މޭޒުމަތީގައި ބަހައްޓާ..” ކޮޓަރީގެ މެދެއްކަންހާ ހިސާބުގައިހުރި މޭޒުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ގޮނޑީގައި އިށީންނަމުން ހާމިދު ނާއިލަށް މޭޒުގެ އަނެއް ފަރާތުގައި އިން ގޮނޑީގައި އިށީންނުމަށް އިޝާރާތްކުރިއެވެ. ނާއިލް މަޑުމަޑުން ހިނގާފައި އަހިސް އެގޮނޑީގައި އިށީންނަމުން އޭނާ ގެނައި ކޮތަޅުގައިހުރި ތަކެތި ނަގާ މޭޒުމަތީގައި ބެހެއްޓިއެވެ.

” ނާއިލް. މަ ޔަޤީންކުރަން ބޭނުން ކަލޭ މިކަންކުރަން ތައްޔާރުތޯ، ނޫންތޯ؟ މިމަސައްކަތް ފެށުމަށްފަހު ނުނިންމާ ހުއްޓާލުންވާނީ ބޮޑު ކަމަކަށް ” ހާމިދު ގޮނޑީގައި ވަރަށް ރަނގަޅަށް ހަމަޖެހިލުމަށްފަހު، ފަރުވާތެރިކަމާއެކު ނާއިލްއާ ދިމާލަށް ބަލަންއިނދެ ސުވާލުކުރިއެވެ. ނާއިލް އިސްއުފުލާ ހާމިދަށް ބަލާލިއެވެ.

” އަހަރެން ކިތަންމެ ރަނގަޅަކަށްވެސް ތައްޔާރު. އަހަރެން ބޭނުންވަނީ އަހަރެންގެ ކޮއްކޮއަށް އަނިޔާވެރިވި، އަހަރެންގެ ބައްޕަގެ ގާތިލް ހަމްޒަތާއި އޭނާގެ ބައިވެރިންގެ ދުވަސް ދުއްވާލަން.. އެ ހިތާމައިގެ ސަބަބުންނޭ އަހަރެންގެ މަންމަ މިދުނިޔެއާ ވަކިވެ ދިޔައީ.. އަހަރެން އެ އަނިޔާވެރިންގެ ކިބައިން ބަދަލު ހިފާ އިންސާފު ހޯދާނަން.. އަހަރެންގެ އާއިލާއަށް ލިބުނު ނިކަމެތިކަމުގެ ބަދަލު އިންސާފުވެރިކޮށް ހޯދަން އަހަރެން ބޭނުން ..” ނާއިލް ވާހަކަ ދެއްކީ ރުޅިވެރިކަމާއި ހިތާމައިގެ އަސަރުތައް އެކުލެވިގެންވާފަދަ ޖަޒުބާތީ ގޮތެއްގައެވެ. އޭނާ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

” މިއީ އަހަރެން ބުނަންޖެހޭ އެއްޗެއްވެސް ނޫން.. އެކަމަކު ނާއިލްއަށްވެސް އެނގޭނެ އިންސާފު ހޯދުމަށް މިނޫން ގޮތް އެބައޮތްކަން.. ކޯޓްތަކަށް މައްސަލަ ހުށަހަޅައިގެންވެސް …. ” ހާމިދު އޭނާގެ ވާހަކަ ގަސްތުގައި މެދުކަނޑާލިއެވެ. އޭނާ މި ވަގުތު އެންމެ ރަނގަޅު ގޮތުގެ ވާހަކަ އެ ދައްކަނީ ކޮންމެހެން ނާއިލްއަށް ވިސްނައިދޭކަށް ނޫނެވެ. އަދި އޭނާ އެގޮތް ބޭނުން ވާތީ އެއްވެސް ނުމެނޫނެވެ. ހާމިދުގެ ބޭނުމަކީ މީހުންގެ ކުރިމަތީގައި އޭނާގެ މަސައްކަތާއި އޭނާއަށް އޮތް ގަދަރު ހިފެހެއްޓުމެވެ. ކޮންމެ މީހަކަށްމެ އޭނާ އެހެން ގޮތްވެސް އޮތްކަން ބުނެދެނީ ވެދާނޭ ބަދުނާމަކުން އޭނާއަށް ބޯދަމައިގަންނަން ފަސޭހައަކަށެވެ. އެހެނަސް އޭނާއަކީ ނުބައި ނުލަފާ އިންސާނެކެވެ. އިންސާނުންގެ ތެރެއިންވާ ޝައިޠާނެކެވެ. ސިހުރު ހެދުމަކީ ކިހާ ނުބައި ކަމެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެނަސް ޙައްޤުގޮތް އެނގި ހުރެވެސް އޭނާ އެދަނީ ފައިސާއާއި ދުނިޔޭގެ އަރާމަށްޓަކާ އެތައްބައެއްގެ ފުރާނަ ދުއްވާލަމުންނެވެ. އެތައް ބައެއްގެ ދިރިއުޅުން ހަލާކުކޮށް ވެއްޔާ މޮޑެލަމުންނެވެ. އޭނާގެ ހިތުގައި ﷲ އަށް ބިރުވެތިވުމާއި އީމާންކަމުގެ ކަންފުޅެއް ވާނަމަވެސް މިފަދަ ކަމެއް ހަގީގަތް އެނގިވާހާލު، ތަކުރާރު ކުރަމުން މުޅި އުމުރު ހޭދަކޮށްނުލާނޭކަން ޔަޤީނެވެ.

” ކޯޓްތައްދޯ.. ހަހަ.. ހާމިދުއަށް ހީވޭތަ އެއިން ތަނަކުން މިގައުމުގެ ޕާޓޭންނަށް އަދަބު ދޭނެހެން.. ދުވަހަކުވެސް މައްސަލައެއް ސާބިތެއް ނުވާނެ.. މުޅި އުމުރުދުވަހު ކޯޓްތަކަށް މައްސަލަ ވައްދައިގެން އަހަރެން ދުވުނަސް އިންސާފެއް ނުލިބޭނެ.. މިގޮތްވެސް އެގޮތަށްވުރެ މާރަނގަޅުވާނެ.. ނުރައްކާތެރިކަމެއް އޮވެގެނެއް އަހަރެން ބިރެއް ނުގަނެޔޭ..” ނާއިލް، ހާމިދަށް ޖަވާބުދިނީ މަލާމާތުގެ ރާގުގައެވެ. އެހެނަސް އެޖަވާބުން ހާމިދަށް ލިބުނީ ހިތްހަމަޖެހުމެކެވެ. އެއީ އޭނާ އުންމީދު ކުރި ފަދަ ޖަވާބެކެވެ.

” އެހެންވީމާ މަސައްކަތް ފަށަންވީ.. މިކަމުގެ ބާވަތުން އަހަރެން ނާއިލަށް ވަރަށް ރަނގަޅަށް ތަފްސީލު ދީފައި ނޫނީ މިކަން ނުކުރާނަން.. ނާއިލް ބޭނުންވި ފަދައިން މިކަން ވީހާވެސް ސިއްރުގައި ކުރަންބޭނުންވާތީ އިތުރު އެހީތެރިންނާ ނުލާ މިކަން މި ކުރަން ނިންމީ.. އޭގެ ސަބަބުން ނާއިލް ކުރަންޖެހޭ މަސައްކަތް އިތުރުވެފައި ނުރައްކާތެރިކަން ބޮޑުވާނެ.. މި ބުނީ ދެމީހުންނަށްވެސް..” ވާހަކަ މެދުކަނޑާލުމަށްފަހު ހާމިދު ފުންނޭވާއެއްލަމުން ނާއިލަށް ބަލައިލުމާއެކު، ނާއިލް ބޯޖަހާލިއެވެ. ވުމާއެކު އަނެއްކާވެސް ހާމިދު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

” ރަނގަޅަށް އަޑުއަހާތި.. ނާއިލް ބުނި ގޮތުން ނާއިލް ބޭނުންވަނީ ހަމްޒަތާއި އެކަމުގައި ބައިވެރިވި އެންމެންގެ ކިބައިން ބަދަލު ހިފަން.. މައްސަލައަކީ ދެން އެކަމުގައި ބައިވެރިވި މީހުން ނޭނގުން.. އަދި އެ މީހުންނަކީ އެއް އާއިލާއެއްގެ ނުވަތަ އެފަދަ ގާތްކަމެއްހުރި ބަޔަކަށް ނުވުން.. އެއީ މަ ކުރަން މިއުޅޭ ކަންތައް ތަފާތުވާ ސަބަބަކީ.. ހިޔެއް ނުވޭ މީގެ ކުރިއަކުން މިފަދަ ގޮތަކަށް މީހަކު ސިހުރެއް ހަދާފައިވާނެހެނެއް.. ” ހާމިދުގެ ވާހަކަ ދިގުވެ، އަސްލު ބުނެދޭން އުޅޭ ވާހަކައަށް ނުދެވި ހާސަރު ގިނަ ވުމުން ނާއަވަސް ވަމުންދިޔަ ނާއިލަށް ބޯހޫރާލެވުނެވެ. އެހެނަސް އަނގައިން ނުބުނެ ކެތްކޮށްލައިގެން އިނީއެވެ.

” ނާއިލް.. ކުރިން މިބުނިހެން އެމީހުންގެ ގޮތް ނޭނގުމާއި އާއިލީ ގުޅުމެއް ނެތުމުން މަގޭ ޝިކާރައިގެ އަމާޒަކަށް މިހަދަނީ ގޮތް އެނގޭމީހާ.. ހަމްޒަތު.. މިކަމުގައި ކަލެއާ މަށާއި ދެ މީހުންނަށް އެހީތެރިވެދޭނީ މިސޮރު..” ވާހަކަ ދައްކަމުން ހާމިދު މޭޒުމަތީގައި ބަހައްޓާފައިހުރި ފޮއްޓެއް ހުޅުވާލަމުން ހުށިޔާރުކަމާއެކު އެއްޗެއް ޖަހައިގަނެގެން ނެގިއެވެ. ކުރިންވެސް ފެނިފައިވުމާއެކު ނާއިލަށް މާބޮޑު ހައިރާންކަމެއް ނުލިބުނަސް ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. ކުރިން ރޭގައި ކުރި މަސައްކަތުން ނެގި އެ އާދަޔާ ޚިލާފު ދިރުމަށް ދޭނެ ނަމަކާމެދު އޭނާ ވިސްނަމުން ދިޔައެވެ.

” ނާއިލް ބުނަން.. މަގޭ ސިހުރުގެ ހަތިޔާރަކީ މިއީ.. މި ސޮރަށް ކުރަންވީ ކަމެއް ކުރުމަށްފަހު މިރޭ ދަންވަރު ހަމްޒަތު އެކަނި އުޅެނިކޮށް އޭނާގެ ކޮޓަރިއަށް މި ދޫކޮށްލާންވީ.. އޭރުން އެސޮރު އޭގެ ވާޖިބު އަދާކޮށްފާނެ.. ” ހާމިދުގެ ވާހަކަ މެދު ކަނޑާލުމަށްފަހު އެކަން އެގޮތަށް ހިނގާނީ ކިހިނަކުންތޯ ނާއިލް ސުވާލުކުރިއެވެ.

” ކެއްތެރިކަމާއެކު އަޑުއަހާ.. ފެނޭތަ މިސޮރުގެ މިހިރަ ތޫނުތޫނު ފޭރާ ދެ ދަތް.. ސިހުރުގެ ބާރު ލިބުމަށްފަހު މިސޮރު ފުރަތަމަ ދައިގަންނަ އިންސާނާއަކީ ހަމްޒަތު ކަމުގައި ވާންޖެހޭނެ.. މިސޮރު ފުރަތަމަ ހަމަލާ ދޭނީ އެދެ ފޭރާދަތުން.. އެއަށްފަހު ދެކަފިވެފައިވާ ދުލުގެ އެހީގައި އޭނާގެ ގައިން ނުކުންނަ ލެއާއި އެކު ސިހުރުގެ ބާރު އޭނާގެ ހަށިގަނޑަށް ފޯރުކޮށްދޭނެ.. ހަމަ އެއާއެކު މިސޮރު މަރުވާނެ.. މިބުނި ހިސާބަށް ކާމިޔާބު ވެއްޖެނަމަ، ދެން އެ ނިމުނީ އަހަރެމެންގެ މަސައްކަތް.. ހަމްޒަތު އިންސާނެއްގެ ގިންތިން ބޭރުވާން ވަގުތު ބޭނުންވާނެ.. އެކަމަކު އެއަށްފަހު އޭނާގެވެސް އިޙުތިޔާރުން ބޭރުގަ ނާއިލްގެ އާއިލާއަށް އަނިޔާވެރިވުމުގައި ބައިވެރިވި ހުރިހާ ބައިވެރިން މަރާ ހުސްކުރާނެ..” ހާމިދުގެ ވާހަކަތައް އަޑު އަހަން އިން ނާއިލް ހިނިތުންވެލިއެވެ. އެހެނަސް އެ މަންޒަރު ފެނުމުން ހާމިދުގެ ހިތުގައި ނޭނގޭ ބިރެއް ހިނގައިގަތެވެ. ނާއިލަށް އިންޒާރު ދިނުމަށް އަވަސްވެގަތެވެ.

” މަ ކިޔައިދިންހާ ފަސޭހަ ނުވެދާނެ މިކަން.. ސިހުރަށް ފަހު އަހަރެމެން މި ސޮރު ދޫކޮށްލުމުން އެންމެ ފުރަތަމަ ދިމާވާ އިންސާނަކަށް ހަމަލާދޭނެ.. އެހެންވެ ހަމްޒަތު އެކަނި އުޅޭ ގަޑިއެއްގައި އޭނާގެ ކޮޓަރިއަށް މި ދޫކޮށްލަން ޖެހެނީ.. ހާއްސަކޮށް ނިދާފައި ވަނިކޮށް.. އަހަރުންގެ ފަރުވާކުޑަކަމުން ނުވަތަ ހެދޭ ގޯހަކުން އެހެން އިންސާނަކަށް މިސޮރުގެ ހަމަލާ އަމާޒުވެއްޖެނަމަ ދެން ކުރިމަތިލާންޖެހޭނެ ނުރައްކަލެއް މަށަކަށްވެސް ނޭނގެ ބުނާކަށް..” ހާމިދު ވާހަކަ ދެއްކީ ވަރަށް ސީރިއަސްވެ އިނދެއެވެ.

އެހެނަސް ނާއިލްއިނީ މަޖާވެފައެވެ. އޭނާއަށް ހާމިދު ފަހުން ދެއްކި ވާހަކައެއް ނީވޭ ކަހަލައެވެ. އޭނާގެ ވާހަކަ އަމާޒުކުރީ އެދިރުމަށްދޭނޭ ނަމަކާ މެދަށެވެ.

” ތިކިޔައިދިން ގޮތުން މިސޮރަށް ކިޔަންވާނީ “ވެމްޕަޔަރ ސްނޭކް” ދޯ.. ހަހަ.. ނޫނީ ލޭބޯ ހަރުފަ.. އަޅެ އެސޮރުގެ ހަށިގަނޑު ހަރުފައަކާ ވައްތަރެއް ނޫންތަ؟ ތަފާތަކީ އެހުރި ދެ ފޭރާދަތް އަދި އެސޮރުގެ ބޯ.. ވެމްޕަޔަރއެއްގެ ސިފަ ހިތަށް ގެނެވެނީ.. ހަހަ ” ނާއިލްގެ ހަރަކާތްތަކާއި ވާހަކަތައް އިވުމުން ހާމިދަށް ދަތްކުނޑި ވިކާލެވުނެވެ.

— ނުނިމޭ —

ލިޔުންތެރޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްޞާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

ކޮމެންޓް

  1. Varah reethi thafaatheh vaa vaahaka eh .. adhi mi vaahaka reethi vaany harufa ehen meeheh gayah viha livva.. esfiya dot com in genai hathiyaar vahaka ah vure reethi vaane kamah heekuran

LEAVE A REPLY