އުފަންވުމުން…  ހަތަރުވަނަ ބައި…

0
މުހައްމަދު ޝާހީން
ގުޅުން ހުރި
Ads by Ooredoo Maldives

ކުރީގެ އަދަދާއި ގުޅޭ…

ގަޑިން މެންދަމު ބާރަ ޖަހަނީއެވެ. ހަނދުގެއަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ގޭގެ މައިގޭތެރޭގައިވާ ސޯފާގައި ނާއިލް އާއި އޭނާގެ ބައްޕަ ހާޝިމް އަދި މަންމަ ވިޝާމާ އިށީންދެގެން ތިބިއިރު ކޮންމެ މީހެއްގެ މޫނު މަތިންވެސް ފެންނަނީ ނުތަނަވަސްކަމެވެ. ފިކުރު ބޮޑުވެފައިވާ ކަމުގެ އަސަރެވެ.

Ad by Poise Perfumes

” އެހެންނާވެސް ބޭރަށް ދިޔަޔަސް މިހާ ލަހެއް ނުވޭ….. މަންމައަށް ހީވަނީ މިރޭ ނާއިލް ދެއްކި ވާހަކަތަކުން ނާއިލާ ހިތްހަމަ ނުޖެހުނީހެން.. ” މާހައުލުގެ ހަމަހިމޭންކަން ފޫދުއްވާލުމާއެކު، ނާއިލާއި ހައިޝަމް އެކުއެކީގައިހެން ވިޝާމާއާ ދިމާލަށް ބަލާލިއެވެ. އެހެނަސް އެއްޗެކޭ ނުބުނެ އަނެއްކާވެސް އިސްދަށަށް ޖެހިއެވެ.

މިރޭ ނާއިލާ ބޭރަށް ދާން އުޅުމުން ނާއިލް ދެއްކި ވާހަކަތައް އޭނާގެ މައިންބަފައިންނާ ހިއްސާ ކުރީ ދެންމެއަކުހެންނެވެ. އެމީހުން، މިރޭ ނާއިލާ ގެއަށް އައުން ލަސްވެގެން އުޅެންފެށުމުންނެވެ. ނާއިލްވެސް މިހާރު ވަނީ ވަރަށް ބޮޑަށް ފިކުރުބޮޑުވެ ހަދާނެގޮތް ހުސްވެފައެވެ. އޭނާ މިހާރު ދެފަހަރަކަށް ބޭރަށް ނުކުމެ ހަނދުގޭގެ ކައިރި ހިސާބުގަނޑު ހޯދައިފިވެސްމެއެވެ. އެހެނަސް ކޮއްކޮ ގެއްލިގެން ރަށުގައި އިއުލާނުކުރަމުން ގޮވާކަށް އޭނާ ބޭނުމެއް ނުވެއެވެ. މީހުން ކައިރީގައި ކޮއްކޮ ނާއިލާ ފެނުނުތޯ އަހައި އޮޅުންފިލުވަން އޭނާ ލަދުވެތިވެއެވެ.

” މަގޭ ދަރި.. ނާއިލާ.. ދަރިފުޅާ ކިހިނެއްވެފަ ތިހުރީ.. ސުބުޙާނަﷲ ” ފިކުރު ބޮޑުގެ ހިޔާލީ ދުނިޔެއަށް ގެއްލިފައިވާ ނާއިލަށް ހަމަހޭވެރިކަންވީ ސޯފާގައި އިން އޭނާގެ މަންމަ ރޮއިހޭރިގަންނަމުން ގޭގެ މައިދޮރާ ދިމާލަށް ދުއްވައިގަތުމުންނެވެ. ގޭ ދޮރުމަތީގައި ހުރި ނާއިލާ ފެނުމުން ނާއިލަށްވެސްވީ އޭނާގެ މަންމައަށް ވީކަހަލަ ގޮތެކެވެ. އޭނާގެ ބައްޕަހުރީ ގަބުއަރާފައެވެ. ގޭ ދޮރުމަތީގައިހުރި ނާއިލާ ވަނީ ދަލުން ތަތްތެޅިފައެވެ. އޭނާ ލައިގެންހުރި ހެދުމުގެ ބޮޑުބައިވަނީ ވީދިފައެވެ. ގައިގެ ބައެއް ތަންތަން ނޫފައިގެންފައި ހުރި އިރު ބައެއް ތަންތަނުން ތިލަ ޒަހަމްތަކާއެކު ތާޒާލޭ ފާއްދާލާފައިވެއެވެ.

ނާއިލާގެ ހާލު ވަރަށް ގޯހެވެ. ވާހަކައެއް ނުދެއްކެއެވެ. ގިސްލަ ގިސްލާފައި ރޮނީއެވެ. ނާއިލާއި އޭނާގެ މަންމައާއި ބައްޕަ މަސައްކަތް ކުރަމުން ދިޔައީ ވީގޮތެއް އޮޅުންފިލުވޭތޯއެވެ. ލައްކައިރުގެ މަސައްކަތުން ވީގޮތް އޮޅުންފިލުމާއެކު ހާޝިމްގެ ހަމަބުއްދި ފިލާދިޔަ ކަހަލައެވެ.

” އަހަރެން އެނުލަފާ މީހާއާއި އޭނާގެ ބައިވެރިން ނެތިކޮށްލާނަން.. މަގޭދަރިފުޅުގެ އިއްފަތްތެރިކަން ދުއްވާލާ، މުޅި އާއިލާއަށް ހިތާމަދީފައި އޭނާ މިދުނިޔޭގައި ހުރިޔަކު ނުދޭނަން.. ” ހާޝިމް ދުވެފައި ކަހަލަ ގޮތަކަށް ބަދިގެއަށްވަދެ ކަބަޑުގައި އޮތް ވަޅި ނެގިއިރު އޭނާގެ އަތް ތުރުތުރުލައެވެ. އޭނާ އެންމެ ވަގުތުކޮޅެއްވެސް ލަސްކޮށްނުލާ ދުއްވައިގަތީ ގެއިން ބޭރަށެވެ. ވަކި ދިމާއަކަށް ނޫނެވެ. އޭނާގެ ފިކުރުހުރީ ހަމްޒަތު ހުރިތާކުން ހޯދައިގެން އޭނާގެ ދުވަސް ދުއްވާލުމެވެ.

ހުއްޓުން އަރާފައިހުރި ނާއިލްއަށް ހަމަހޭވެރިކަންވީ، ބައްޕަ ހުއްޓުވާށޭ ކިޔާފާ ނާއިލާ ރޮއިގަތުމުންނެވެ. ނާއިލްވެސް ގެއިން ބޭރަށް ދުއްވައިގަތެވެ.

ވީނުވީއެއް ނޭނގި ނާއިލާ އާއި އޭނާގެ މަންމަ ވިޝާމާ އަދިވެސް ތިބީ ކޮޓަރީގައެވެ. ނާއިލާގެ ރުއިމާއި ގިސްލުން އަދިވެސް ނުހުއްޓެއެވެ. ވިޝާމާގެ ހާލަކީވެސް އެއީއެވެ. އަދު އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ހާލަތާމެދަށް ވިސްނާވިސްނާ އޭނާގެ ސިކުނޑި ފަޅައިގެންދާން އުޅޭކަހަލައެވެ. ނާއިލާއަށް ހައްޤުނޫން މިނިވަންކަމެއް ދެވުނީތީ އަދު އޭނާއަށް އޭނާގެ ނަފުސު ކުށްވެރިކުރެވެއެވެ. މިރޭގެ މި ހިތި ހާދިސާ އެމީހުންނަށް ވެގެންވާނަމަ މުޅި ދުނިޔެއަށްވެސް ސިއްރުކުރެވިދާނެއެވެ. އެހެނަސް ފޮރުވި ވަންހަނާވެފައިވިޔަސް ވީކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ. އަނެއްކޮޅުން ވިޝާމާ ފިކުރުބޮޑުވެ ނުތަނަވަސްވުން އިތުރުވެފައިވަނީ ހާޝިމާއި ނާއިލްއަށް ވީގޮތެއް ނޭނގިގެންނެވެ. ހާޝިމްގެ އަތުން ހަދާ ގޯހަކުން އިތުރަށް ކަންތައްތައް ގޯހުން ގޯހަށް ދިއުންނޫންކަމެއް ނުވާނޭކަން ވިޝާމާއަށް ވިސްނެއެވެ.

ވިޝާމާގެ އަތުގައިއޮތް މޯބައިލް ރިންގްވާންފެށިއެވެ. “ޕޮލިސް.. ކިހިނެއްވީބާ އަނެއްކާ” ވިޝާމާއަށް ހިތާހިތުން ބުނެލެވުނެވެ. އަދި ފޯނަށް ޖަވާބު ދިނެވެ.

” ހެލޯ.. ވިޝާމާތޯ؟.. މިގުޅާލީ ޕޮލިސް ސްޓޭޝަނުން.. ދާދިދެންމެ ހިންގި މާރާމާރީއެއްގައި ވިޝާމާގެ ފިރިމީހާ ހާޝިމާއި ނާއިލް ވަރަށް ބޮޑަށް ޒަހަމްވެގެން ހޮސްޕިޓަލަށް ގެންދެވިއްޖެ.. ވަރަށް ބޮޑަށް މާފަށް އެދެން.. ހާޝިމް… އަޅުގަނޑުމެން ހާޝިމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހާޝިމްގެ ފުރާނައެއްނެތް.. އަޅުގަނޑުމެންނަށް ނާއިލާއި ހާޝިމް ފެނުނީ ހަމަލާދީ ޒަހަމް ކޮށްލާފައޮއްވާ… މައްސަލަ ވީއެންމެ ރަނގަޅަކަށް ތަޙުޤީޤު ކުރަން އަޅުގަނޑުމެން މަސައްކަތްކުރާނަން.. ވީމާ…… “

ފޯނަށް ޖަވާބު ދިނުމާއެކު، އެކޮޅުން ދެއްކި ވާހަކަތައް މިހާހިސާބަށް ދިއުމުން ވިޝާމާގެ އަތުން ފޯނު ދޫވެގެން ވެއްޓިއްޖެއެވެ. މަޑުމަޑުން ހުރިދިމާއިން ކަކޫމައްޗަށް ތިރިވެ ކޮޓަރީގެ މުށިތައްމަތީގައި އަތް ވިއްދާލެވިއްޖެއެވެ. އިސްދަށަށް ޖަހާލެވި، ކުޑަކުއްޖެއް ފަދައިން އަޑުން އަޑުނަގާ ރޯން ފެއްޓިއެވެ. ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ. ކޮންފަދަ އިމްތިހާނެއްތޯއެވެ. ކުޑަ ހިނދުކޮޅެއް ކުރިން ގެއްލިދިޔައީ ލޯބިވާ އަންހެން ދަރިފުޅުގެ އިއްފަތްތެރިކަމެވެ. ދެން ލޯބިވާ ފިރިމީހާގެ ފުރާނައެވެ. ވިޝާމާއަށް މިހިތާމަތަކަށް ކެއްކުރެވޭނެބާވައެވެ.

މާޒީގެ ހިތާމައިގެ ފުންކަނޑުގައި ފީނަމުންދިޔަ ނާއިލާ އެހިތި ހަނދާންތަކުން ދުރުކުރަމުން، މަޑުމަޑުން ނިންޖާޖެހި ފޮނިފޮނި އަރާމު ނިންޖަކުން ނިދިއްޖެއެވެ.

ހަމަ އެވަގުތު ނާއިލް އޭނާގެ ކޮޓަރީގައި، މިރޭ ކުރެވުނު ކަންތައްތަކާއި ކުރިއަށް އޮތްތާންގައި ކުރިމަތިލާން އޮތް ނުރައްކާތެރި އެހެނަސް އޭނާ އަދު މުހިންމުކަމަށް ދެކޭ މަސައްކަތާމެދު ހިޔާލުކޮށް ފިކުރުކުރަމުން ގެންދިޔައެވެ. މާދަމާއަށް އަލިވިލުމާއެކު އޭނާ އެންމެ އިސްކަމެއްދޭނީ ހާމިދާއި ބައްދަލުކުރުމަށްކަން ކަށަވަރެވެ. އެހެނަސް އޭނާއަށް މާދަމާގެ އަލިކަން މަރުހަބާ ކިޔައިފިނަމައެވެ.

އާދުވަހަކަށް އަލިވިލެނީއެވެ. އެކަނިވެރިކަމާއި ފަޅުކަމުގެ ހިތްތައް، ހިތާމަޔާއި ކަރުނައިގެ ފުންކަނޑުގައި އޮޔާއި ވަޔާއި ދެކޮޅަށް ފަތާފަތާ ވަރުބަލިވެ ލޮޑުވެގެން، އަދިވެސް އަރާމު ތަންމަތިތަކުގައި ނިދީގެ އަރާމާއި ފޮނިކަމާއި ރާހަތު ލިބިގަންނަމުންދަނީއެވެ.

އެތައް ދަމެއް ވާންދެން ނުނިދާއޮތް ނާއިލަށް ހޭލެވުނީ ފޯނުގެ އެލާމް އަޑަށެވެ. ތެދުވެ އެނދުގެ އެއްކައިރީގައި އިށީންދެލަމުން، ކަންނެތްކަމާއެކު މޯޅިއަކަށް ދެމިލުމަށްފަހު ފޯނު ނަގައި އެލާމް ކަނޑައިލިއެވެ. ނިދި ހަމަނުވުމާއެކު ކަންނެތް ކަމާއި ވަރުބަލިކަން އޭނާގެ މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ. ރޭގައި ކުރި ބިރުވެރި ނާމާން އަދި އެހާމެ ނުރައްކާތެރި ބުރަ މަސައްކަތަށްފަހު ގެއަށްއައިސް، ލޯބިވާ ކޮއްކޮ ނާއިލާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަން ޖެހުންވީ އޭނާގެ ނިދި ހަރާބު ކުރުވި ކަމަކަށެވެ. ނާއިލް ބޭނުންނަމަ އިތުރަށް ނިދަން އޮވެވިވެސްދާނެއެވެ. ނާއިލް ވަޒީފާ އަދާކުރަނީ ރަށު ކައުންސިލް އިދާރާގެ ޑިރެކްޓަރގެ މަގާމުގައި ކަމަށްވިޔަސް މިއަދަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެކެވެ. އެހެނަސް ހަށިގަނޑަށް ވަގުތީ އަރާމެއްދޭން ނާއިލް އިތުރަށް ނިދައިފިނަމަ މިއަދުގެ އޭނާ ކުރަންހުރި މުހިންމު ކިތަންމެކަމެއް ނުކުރެވިދާނެއެވެ. އަދި އޭރުން އޭނާގެ ހިތާއި ނަފުސަށް ދާއިމީ ހިންހަމަޖެހުމެއް ހޯދައިދޭން އޭނާކުރާ މަސައްކަތް ބޭކާރުވުމީ ގާތުގައިވާކަމެކެވެ.

ރަނގަޅަށް ފެންވަރާލައި ރީތިވެލައިގެން ނުކުމެ، ކާގެއަށްދިޔަ ނާއިލަށް ލިބުނީ ހައިރާންކަމެކެވެ. އޭނާއަށް ބަހެއްވެސް ބުނަން ނޭނގި ބަލަހައްޓައިގެން ހުރެވުނީއެވެ. ލިބުނު ހައިރާންކަން ފިލައި އުފާވެރިކަންވެސް ހިތަށް ވެރިވަމުންދިޔައެވެ. އޭނާގެ ކޮއްކޮ ނާއިލާ ނުލާހިކު ހަރަކާތްތެރިކޮށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިންމާލަނީއެވެ. މިއީ އެ ހިތާމަވެރި ރޭގެ، ހިތްދަތިކުރުވަނިވި ހާދިސާއަށްފަހު ނާއިލާ ތެދުވެ ހަރަކާތްތެރިވެ މަސައްކަތްކޮށް އުޅޭތަން ފެނުނު ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހު ކެއިންބުއިމަށް ލުއިގޮތަކަށް އެއްޗެއް ތައްޔާރުކޮށްލައިގެން، ނޫނީ ފިހާރައަކުން ކޮންމެވެސް އެއްޗެއް ގަނެގެން ކެއިންބުއިމުގެ ކަންތައް ހަމަޖެއްސުން ނާއިލް ވަނީ އާދައަކަށް ހަދާފައެވެ. ހުދު ނާއިލާއަށް ގަޑިންގަޑިއަށް ކާންގެންދަނީވެސް ނާއިލެވެ. އުސްކޮށް ފާރުރާނާފައިވާ އެގޭގެ ގޯތިތެރެއަށް ނާއިލާ ނުކުންނަނީވެސް މަދުފަހަރެއްގައެވެ. އެވެސް ނާއިލް އެތައްވަރަކަށް ނަސޭހަތްދީ އާދޭސް ކުރުމުންނެވެ. އެހެނަސް މިއަދު މިފެންނަނީ މުޅިން އެހެން މަންޒަރެކެވެ. މިއަދު ނާއިލަށް ހިތްހަމަޖެހިގެންހުރެ ގެއިން ނުލާހިކު ރަނގަޅަށް ހެނދުނުގެ ނާސްތާ ކުރެވޭނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

ހެނދުނުގެ ނާސްތާއަށްފަހު ނާއިލް ގެއިން ނުކުތީ ހާމިދާ ބައްދަލުކުރަން ދިއުމަށެވެ. ހާމިދާ ބައްދަލުކުރަންދާއިރު ކުރަން މިއުޅޭ މަސައްކަތަށް އޭނާއަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. އޭނާގެ ކޮއްކޮ ނާއިލާގެ ފަރާތުން އަދު ފެނުނު ތަފާތަކީ އޭނާގެ ދިރިއުޅުމަށް، އޭނާގެ އާއިލާއަށް ކުރިމަތިކުރުވި ތަފާތު ހާދިސާގެ ބަދަލު ތަފާތު ގޮތަކަށް ހިފުމަށް ނާއިލްކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ބާރެކެވެ. އޭނާ އަދު ކޮންމެ ގުރުބާނީއެއް ވެގެންވެސް އޭނާގެ މަގުސަދު ހާސިލްކުރަން މަސައްކަތްކުރާނެއެވެ. ނަމަވެސް ހިތާމައަކީ އޭނާއާ މެދުގައި ނުހައްގުން ވެވުނު ބޭ އިންސާފަށް އިންސާފު ހޯދުމަށް އޭނާއަށްވެސް ހަމަ އެފަދަ ގޯސްމަގެއް ހޯދުނުކަމެވެ.

ތަފާތު އެތައް ހިޔާލުތަކެއްގައިހުރެ ހިނގަމުންގޮސް ހާމިދުމެން ގެއާ އަރާ ހަމަވާންވެފައި ހުއްޓާ ކުއްލިއަކަށް ނާއިލް ހުއްޓިއްޖެއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި މިސްރާބު ބަދަލުކޮށްލިއެވެ. ކުއްލިއަކަށް އައި ހިޔާލަކުންނެވެ. ކަމެއް ހަނދާނަށް އައުމުންނެވެ. ރޭގެ ނުރައްކާތެރިކަމުގެ ތެރެއިން މުހިންމު ކަމެއް އަތުން ދޫވެގެންގޮސް ގޯހެއް ހެދުނު ކަމުގެ އިހުސާސްވުމުންނެވެ.

އަވަސް ހިނގުމެއްގައި ގޮސް ގަބުރުސްތާނުގެ ދޮރާއްޓާ އަރާ ހަމަވުމުން ނާއިލް މަގުގެ ދެކޮޅު ހޯދާ ބަލައިލިއެވެ. އެއަށްފަހު ހިތްހަމަޖެހުމާއެކު ފުން ނޭވާއެއް ލާ ހަމަޖެހިލަމުން އަވަސް ހަރަކާތަކާއެކު ގަބުރުސްތާނުގެ ތެރެއަށް ވަދެއްޖެއެވެ. އޭނާ އިތުރަށް މަޑުކުރުމެއްނެތި މިސްރާބުޖެހީ ރޭގައި އެމީހުން ތިބި މަހާނައާ ދިމާއަށެވެ. އެ މަހާނައާ އަރާ ހަމަވުމާއެކު އަނެއްކާވެސް ނާއިލަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ނުތަނަވަސް ކަމެކެވެ. އޭނާއަށް ވިސްނުނުގޮތުގައި އޭނާގެ ހަނދާން ބަލީއެވެ. ނޫނީ ކޮންމެވެސް ގޯހެއް ހިނގީއެވެ. އެ މީހުން ރޭ އެ މަހާނަ ކައިރީ ކޮނުނު ވަޅުގަނޑަށް ފަސްލައި ފޮރުވާލި ހަނދާނެއް ނާއިލް ނުވެއެވެ. އެހެނަސް އެތަން ހުރީ ފަސްލައި ފޮރުވާލާފައެވެ. ކަމެއް ހިނގިކަންވެސް ނޭނގޭނެހާ ފުރިހަމަކޮށެވެ. ހަމަ އެފަދައިން ރޭގައި ހާމިދުގެ އަތުގައި ޅިޔައަޅައި އެތަނަށް އެޅި ލޭގެ އަސަރުވެސް ފެންނާކަށް ނެތެވެ. ލޭހިކިފައިވާކަމުގެ ނިޝާނެއްވެސް ހަމަނެތީއެވެ.

ނާއިލް ގަބުރުސްތާނުން ނުކުތީ މިވާހަކަތައް ހާމިދުއާ ކޮންމެހެންވެސް ހިއްސާކުރުމުގެ ނިޔަތުގައެވެ. އޭނާއަށް މިހާރު މިވަނީ އިތުރު ހާސްކަމަކާ ކުރިމަތިލާން ޖެހިފައެވެ. އެ މަހާނަ ކައިރީގައި ހުރި ވަޅުގަނޑު އެހެން މީހަކަށް ފެނިގެން ފަސްލައި ފޮރުވިކަމަށްވަނީނަމަ ކަންތައްތައް މުޅިންގޯހުން ގޯހަށް ދާނެއެވެ. ރަށުގެ އާދަކާދަ އޮންނަގޮތުން މިއީ އާދައިގެ ކަމަކަށް އެކަކުވެސް ނުބަލާނެކަން ނާއިލަށް ވަރަށް ރަނގަޅަށް ވިސްނެއެވެ. އަދި އޭނާގެ މިޝައްކަކީ ހަގީގަތަކަށްވެއްޖެނަމަ ރަށު ވެރިންނާ ހިސާބަށް މައްސަލަގޮސް މިކަމުގެ އަޑި ހޯދަން މަސައްކަތްކުރާނެކަންވެސް ނާއިލަށް ޔަގީންވެއެވެ.

” އައްސަލާމް އަލައިކުމް ” ނާއިލްގެ ސަލާމަށް ޖަވާބުދިނީ ހާމިދުއެވެ.

” އަހާނ ނާއިލް.. ތިޔައީ މިރެއަށް ހޯދަންޖެހޭ ތަކެތި އޮޅުންފިލުވަންދޯ. މިރެއަށް . . . .” ނާއިލަށް ވާހަކަދައްކަން އެއްވެސް ފުރުސަތެއްނުދީ، ހޯދަންވީ ތަކެތީގެ ކުރު ލިސްޓެއް އެއް ނޭވައިން ކަހަލަ ގޮތަކަށް ހާމިދު ކިޔާލިއެވެ. ނާއިލަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.

” މިރޭ އިރުއޮއްސުމުގެ ކުރިން މިތަކެތި ހޯދަންވާނެ.. އަދި ބުނަން. އިޝާ ނަމާދަށް ފަހު ލަސްނުކޮށް މަށާ ބައްދަލުކުރާތި. މިއީ އާދައިގެ ކަމެއްނޫން. ބޮޑު އަދި ބުރަ ކަމެއް. އަދި މަދު ބަޔަކު ދަންނަ މަދުން ނޫނީ ނުކުރާނެފަދަ ނުރައްކާތެރިކަމެއް. މިއީ އާންމުކޮށް ހަދާއުޅޭ ސިހުރު ހާހޫރަޔާ މުޅިން ތަފާތު އެއްޗެއް. އެކަމަކު މިކަމުގެ ބާވަތުން ނާއިލް ބޭނުންވާ ފަދައިން އިތުރު މީހަކު މިކަމުގައި ބައިވެރިއެއް ނުކުރާނަން…. ދެން އަވަހަށްދޭ. ގޮސް މިބުނި ތަކެތި ހޯދާ ” ހާމިދު ވާހަކަދައްކަމުން ދިޔައިރު ނާއިލްހުރީ ކަނުލާ އަޑުއަހާށެވެ. އަދި ހާމިދުގެ ބަހަށް ބޯޖަހާލިއެވެ. އެހެނަސް ހިތުގައި އުފެދުނު ސުވާލުކޮށްނުލައި ދާކަށް ބޭނުމެއްވެސް ނުމެވިއެވެ.

” ތަފާތެއްވެޔޭ… ކޮންކަހަލަ ތަފާތެއް.. ” ނާއިލްގެ ސުވާލުން ހާމިދު ގާތަށް ހިނިއައެވެ. ހާމިދުގާތަށް ހިނިއައުމުން ނާއިލަށް އިސްޖަހާލެވުނެވެ.

” ހާދަ ސުވާލު ގިނައޭ.. މަސައްކަތް ކުރިއަށްދާ ވަރަކަށް އެނގޭނެ ތަފާތެއް ވާކަން.. ވަނީ ކޮން ތަފާތެއްކަންވެސް.. ދެން އަވަހަށްދޭ. އިތުރު ސުވާލެއް ނުކޮށް” ހާމިދުގެ ޖަވާބަށް މިފަހަރުވެސް ބޯޖަހާލުމަށްފަހު ނާއިލް އެގެއިން ނުކުންނަން ހިނގައިގަތެވެ. ހާމިދުވެސް އޭނާގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.

ބައެއް ހަނދާން ތަކަކީ އިންސާނާ ކިތަންމެ ވަރަކަށް ހިތުން ފުހެލަން ބޭނުންވިޔަސް ފުހެނުލެވޭ ހަނދާންތަކެކެވެ. އެހަނދާންތަކެއް އަބަދާ އަބަދު އުނދަގޫ ކުރާ ހަނދާންތަކެކެވެ. އެ ހަނދާންތަކަކުން ފޮނިމީރުކަމާއި އެއްވަރަށް ހިތިކަން އިހުސާސްކުރުވާ ހަނދާންތަކެކެވެ. މާޒީ ހަނދާން ނުކުރާނަމޭ ބުނާ އިންސާނުންނަކީ މޮޔަބައެވެ. މާޒީން ބައެއް ހަނދާންނުކޮށް ހުރެވިދާނެއެވެ. އެހެނަސް ތިމާގެ މުޅި ޖިސްމާއި ފުރާނައާއި އިހުސާސްތައް އެކަމަކަށް ހޭލައްވާލާފައިވާ ކަމެއްގައި މާޒީވެ ދިޔަސް ހަނދާނުން ފުހެލުމީ ނުވާނެކަމެކެވެ. އަނެއްކޮޅުން ތިމާ ހަނދާންކުރަންޖެހޭ، ހަނދާންކުރަން ބޭނުން ކިތަންމެކަމެއް ހަނދާނުގައި ހަރުނުލައި ފުހެވިދަނީވެސް މަދަކުންނޫނެވެ. އެފަދަ ބަލި ހަނދާންތައް ތިމާއަށް ކެހިވެރިވާނެއެވެ. ލަނޑުދޭނެއެވެ. އެއީ އާންމުކަމެކެވެ. އަދު ނާއިލް ކިތަންމެ ހަނދާންކޮށްގެން ބުނަން ވިސްނައިގެން އައި ނަމަވެސް އޭނާ އެނބުރި އެދަނީ ހާމިދު ގާތުގައި އެ ވާހަކަތައް ބުނެ ނުދެވިއެވެ. މި ވަގުތު ހަނދާނުގައި ނެތް އެއްޗެއް ބުނާނީވެސް ކިހިނަކުން ހެއްޔެވެ؟

— ނުނިމޭ —

ލިޔުންތެރޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްޞާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.

އެޑިޓޯރިއަލް ނޯޓް: މި ވާހަކައަކީ ކޮންމެ ބުރާސްފަތި ދުވަހެއްގައި ގެނެސްދޭ ވާހަކައެއް ނަމަވެސް މިއަދު (ހޮނިހިރު ދުވަހު) މި ބައި ގެނެސްދީފައިމިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ އެޕިސޯޑަކީ ކުރިން ގެނެސްދީފައިވާ އެޕިސޯޑެއް ކަމުގައިވާ ވާތީ އެވެ. އެޕިސޯޑެއް ތަކުރާރު ކުރެވިފައިވާތީ ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY