ގެވެށި އަނިޔާ: ފެންނަ މަންޒަރު ނުފެންނަ ކަމަށް ހަދަނީ ހެއްޔެވެ؟

0
ޔޫލީ
ގުޅުން ހުރި
Ads by Ooredoo Maldives

ޖެހިގެން ހުރި ގޭގެ ދެމަފިރިން ތަޅާފޮޅާ، ޒުވާބު ކުރާ އަޑު އަބަދުވެސް އިވެއެވެ. އަންހެންމީހާއަކީ ރަށުން ބޭރު މީހެކެވެ. ކައިވެނިކޮށްގެން ރަށަށް އައީއްސުރެ ފިރިމީހާގެ އެކި އަނިޔާތަކާއި އިހާނެތި ބަސްތަކާއި އޭނާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ހިސާބުގަނޑު އެންމެންނަށް މިކަން އެނގެއެވެ. އޭނާގެ މޫނުން އަނިޔާގެ ނިޝާނެއް ނުފެންނަ ދުވަހެއް ނުދާނެއެވެ. ބައެއް ރޭރޭ ފަތިސް ވަންދެންވެސް އޭނާ ރޯ އަޑު އިވިފައި ތިބި މީހުން އެބަ ތިއްބެވެ. ބައެއް ފަހަރު ގޯތިތެރޭ ރުކުގައި އޭނާ އައްސާފައި ހުރެއެވެ. އަނެއްބައިފަހަރު ދަންވަރު ވިއްސާރަ ވެހޭއިރު ގެއިން ބޭރު ކޮށްލައެވެ.

ހިސާބުގަނޑު އެންމެނަށްވެސް މިހާރު މިއީ އާކަމެއް ނޫނެވެ. މި މަންޒަރު އެންމެންނަށްވެސް ފެނެއެވެ. ނަމަވެސް އެކަކުވެސް އޭނާއަށް އެހީގެ އަތެއް ދިއްކޮށް ނުލައެވެ. އޭނާގެ ފިރިމީހާ ދެކެ ގަންނަ ބިރަކުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ އެއީ ތިމަންނައާ ބެހޭކަމެއްނޫނޭ ހިތަށް އަރާފައި ކަމަށްވެސް ވެދާނެއެވެ. އެއީވެސް ބަޔަކު ލޯބިން ބަލާ ބޮޑު ކުރި ދަރިއެކެވެ. ތިމާމެންގެ އަންހެން ދަރިއަކަށް އެހެން ދިމާވެއްޖެނަމަ މީހާކު އެއީ ތިމަންނައާ ބެހޭ ކަމެއްނޫނޭ ކިޔައި މަންޒަރު ނުފެންނަ ކަމަށް ހަދައިގެން ހުންނަން ތިމާގެ ހިތް އެދޭނެ ހެއްޔެވެ؟

Ad by Poise Perfumes

*** ***

އެއީ އަދި ކިރިޔާ ފުރާވަރަށް އެޅި ކުއްޖެވެ. ނުލާހިކު ރީތި، ލޯބި، މީހުންނާ ގުޅޭ، ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ސްކޫލުން މަތީ ވަނަތައް ހޯދަމުން ދިޔައެވެ. ނަމަވެސް ކުއްލިއަކަށް އޭނާއަށް ބަދަލުތަކެއް އައެވެ. މީހުންނާ ވާހަކަދެއްކުން މަދުވިއެވެ. ކިޔެވުމުން ދައްވާން ފެށިއެވެ. ފާސް ނުވެގެން ރިޕީޓްވެސް ވިއެވެ. އޭނާ ގެއިން ނިކުންނަނީ ހަމައެކަނި ސްކޫލަށް ދާންށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާގެ އަބަދު ހިނިތުންވެފައި ހުންނަ މޫނުން މިހާރު ފެންނަނީ ވަރުބަލި ކަމާއި ހިތާމައެވެ. އޭނާގެ ސަކަމިޒާޖު ގެއްލިއްޖެއެވެ. ރަށުގެ ގިނަ މީހުންނަށް މިވަނީ ކީއްކަން ނޭންގުނަސްވެސް މިކަން އެނގޭ މަދު ބަޔަކު އުޅެއެވެ.

އެންމެ ފަހުން ރަށަށް އަޑު ފެތުރުނީ އޭނާ އަމިއްލައަށް މަރުވި ޚަބަރެވެ. ފުލުހުންއައިސް ތަޙުގީގު ކުރި ކުރުމުން އެނގުނީ އޭނާ މަރުވިއިރު ބަނޑުބޮޑުކަމެވެ. އިތުރަށް ކުރި ތަޙުގީގުތަކުން އެނގުނީ އޭނާގެ ބައްޕަ އޭނާއަށް ޖިންސީ ގޯނާ ކުރިކަމެވެ. އަދި އާއިލާގެ އިތުރު ތިން ފިރިހެނަކުވެސް އޭނާއާއި ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަމެވެ. އަދި އޭނާ ބަލިވެއިނީ އެހަތަރު މީހުން ތެރެއިން ކޮންމެވެސް އެކެއްގެ ދަރިއަކަށް ކަމެވެ. އަދި އޭނާގެ މަންމައާއި އާއިލާގެ ބައެއް މީހުންނަށް މިކަން މިހެން ހިނގަމުން ދިޔަކަން އެނގޭކަމެވެ. ނަމަވެސް އާއިލާގެ ނަން ހަޑިވެދާނެތީ ރިޕޯޓު ނުކުރީކަމެވެ. މިހާރު އާއިލާއަށް ލިބުނު ނަން ރީތި ހެއްޔެވެ؟ ކުރިން ލިބިދާނެ ހުތުރުނަމަކަށް ވުރެވެސް ހުތުރުނަމެއް ލިބި، މާތް الله ހަވާލު ކުރެއްވި އަމާނާތަކަށް ޚިޔާނަތް ތެރިވީއެވެ. އަދި އެ އަމާނާތް ތިމާގެ އަތުން ގެއްލުނީއެވެ.

*** ***

އެ ކުޑަ ކުއްޖާއަށް އެންމެ ދެ އަހަރެވެ. ނަމަވެސް އެ އުމުރުގެ އެހެން ކުދިން ފަދައިން ދުވެ، ސަކަރާތް ޖަހައި މަޖާކޮށް ނޫޅެއެވެ. އަބަދުވެސް ފެންނަނީ ކޮންމެވެސް ހޮޅުއައްޓެއްގައި ނުވަތަ ޖޯލިފައްޗެއްގައި މަޑުމަޑުން އިންނަތަނެވެ. އަބަދުވެސް ފެންނަނީ އެއްގަމީހެއް، އެއް ސޯޓެއް ލައިގެން ހުންނަ މަންޒަރެވެ. އެ ކުޑަ ކުޑަ ލޯބި މޫނުން ހިނިތުން ވުމެއް ނުފެނެއެވެ. އޭގެ ބަދަލުގައި އެމޫނުގައިވަނީ މޮޅިޔާއި ހިތާމައެވެ. ނޫފައިގެންފައިވާ ތަންތަނާއި ލޭހިކިފައިވާ ތަންތަނެވެ. އެހާ ކުޑަ ކުއްޖެއްގެ މޫނުން  އެމަންޒަރު ފެންނަންވީ ކީއްވެ ހެއްޔެވެ؟ އޭނާގެ އަވަށްޓެރީންނަށާއި ރަށުގެ ބައެއް މީހުން ނަށް ސަބަބު އިނގެއެވެ. ނަމަވެސް މާބޮޑު ކަމެއް އެކަކަށްވެސް ކުރެވިފައެއް ނެތެވެ.

އެއްދުވަހަކު ނޫސްތަކުންނާއި ޓީވީ ތަކުން ފަލަ ސުރުޙީއެއް ގޮތުގައިކީ އޭނާގެ މަންމަ އޭނާއަށް އަނިޔާކޮށް މަރާލި ވާހަކައެވެ. ޝަރީޢަތުގައި އޭނާ މަރާލިގޮތް އޭނާގެ މަންމަ ކިޔައިދިނެވެ. އަލިފާނާއި ފެނާ ވަކިކުރަން ނޭންގޭވަރު ކުޑަކުއްޖަކަށް ކާންބޯންނުދީ އަނިޔާކޮށް ބާކީ ކޮށްލާކަމަށް އިޢުތިރާފުވިއެވެ. އޭނާގެ އެއްވެސް ކުށަކާ ނުލައެވެ. ކުއްކުރީ އެހެން ބަޔެކެވެ. އަނިޔާ ލިބުނީ ނިކަމެތި މައުސޫމު ކުޑަ ކުއްޖަކަށެވެ. މިކުއްޖާއާއި މެދު އޭނާގެ މަންމަގެ ޢަމަލުތައް ހުންނަ ގޮތުގެ މައްސަލަ ކުރިންވެސް ރަށުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށައެޅިކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ނުނިކުންންކަމަށް ވެއެވެ. ނަމަވެސް މި ކުޑަ ކުޑަ ފުރާނަވެސް ދުނިޔެއަށް އަލްވަދާޢު ކީއެވެ. އޭނާއަށް އެންމެ ބޮޑަށް ހިމާޔަތްދޭންވީ އޭނާގެ މަންމަގެ އަތުންނެވެ.

*** ***

ކެތްވޭ ހެއްޔެވެ؟ ތިމާއަށް އެނގި ހުރެ މިފަދަ ކަންކަން ވިޔަ ދޭނަން ހެއްޔެވެ؟ ތިމާއަށް މިފަދަ މަންޒަރުތައް ފެނި ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކޮށް ހުރެ، އެކަމުގައި ތިމާގެ އެއްވެސް ކުށެއް ނެތްކަމަށް ހީކުރުން އެއިން މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ. މިފަދަ ކަންކަން ހިނގަމުން ދާއިރު “ޗުއްޕު” ކިޔައިގެން ހުރުމަކީ މިކަންކަން ކުރުމަށް ދެވޭ ހިތްވަރެކެވެ. ތިމާއާވެސް އާޚިރަތް ދުވަހުން އެކަމާ ގުޅިގެން ސުވާލުވެވޭނެއެވެ. މީހަކަށް އަނިޔާއެއް ލިބެމުންދާއިރު އެކަން ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން މަޖުބޫރެވެ. މަންޒަރު ބަލަން ހުރުމުގެ އާދަ ދޫކޮށްލަން ވެއްޖެއެވެ. ފެންނަމުންދާ މަންޒަރު ނުފެންނަ ކަމަށް ހަދައިގެން އުޅުން ހުއްޓާލަން ވެއްޖެއެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY