އުފަންވުމުން…  ތިންވަނަ ބައި…

1
މުހައްމަދު ޝާހީން
ގުޅުން ހުރި
Ads by Ooredoo Maldives

ކުރީގެ އަދަދާއި ގުޅޭ…

ނާއިލް ގޮވާލުމާއެކު، އެނދުގައި ދެފައި ވައްކޮށްގެން އިސްދަށަށް ޖަހާލައިގެން އިން ނާއިލާގެ އަޑު ކެނޑިއްޖެއެވެ. އިސްދަށަށް ޖަހައިގެން އެއިން ގޮތަށް އިނދެ، ދެއަތުގެ ނުފުށުން ލޯ ފުހެލިއެވެ. އަދި އިސް އުފުލާ ނާއިލާ ދިމާލަށް ބަލައިލިއެވެ.

Ad by Poise Perfumes

” ކި….ކީކޭ ދޮންބޭ…. ދޮންބެ … އަދިވެސް ނުނިދަނީތަ ” ކެނޑިކެނޑިގެން އިވެމުންދިޔަ ނާއިލާގެ އަޑުގައި ވަނީ ވޭނީ ހިތާމައެއް ބަރުދާސްތު ކުރަމުންދާ ކަމުގެ އަސަރެވެ. ނާއިލްއާ ކުރިމަތިލާ ކިތަންމެ ހިނިތުންވެ ވާހަކަ ދައްކަން މަސައްކަތް ކުރިއަސް، ނާއިލާގެ އެތެރެ ހަށީގައިވާ އަނިޔާގެ އަސަރު މޫނުމަތިން ފާޅުވަމުން ދިޔައެވެ. އޭނާގެ ހިތް ވަނީ ކުދިކުދިވެފައެވެ. ދެލޯ ވަނީ ރޮއިރޮއި ރަތްވެ ފާރުވެފައެވެ. ރުއިމާ ގިސްލުމީ އަދު އޭނާގެ މުނިފޫހިފިލުވައިދޭ ބައިވެރިޔާ ފަދައެވެ. އޭނާގެ ދިރިއުޅުން މިފަދަ ގޮތަކަށް ކުއްލިއަކަށް ބަނަވުން ވެގެން ދިޔައީ ހުދު އޭނާއަށްވެސް ގަބޫލު ނުކުރެވުނު ހަގީގަތަކަށެވެ. އަދި ނާއިލާގެ ހަޔާތަށް މިއައި ތޫފާނުން ނާއިލާ އާއި އޭނާގެ ދޮންބެ ނާއިލްގެ، މައެއް ބަފައެއްނެތް މިކުޑަކުޑަ އާއިލާގެ އުފާވެރިކަން ކަފުންކުރިތާ ކިތަންމެ ދުވަހެކެވެ.

ނާއިލް މަޑުމަޑުން ހިނގާފައި އަހިސް ނާއިލާގެ މަގަތުގައި އިށީންދެއްޖެއެވެ. އަދި މަޑުމަޑުން އެމައުސޫމު ނާއިލާގެ ބޮލުގައި، ތުރުތުރު ލަމުންދިޔަ އޭނާގެ އަތުން ފިރުމާލިއެވެ. އަދި އަތުން ބޮލުގައި “ފުނާއަޅާލައި”، ހޭވިފައިވާ ނާއިލާގެ އިސްތަށިގަނޑު ރީތިކޮށްލަދިނެވެ. އެފިރުމުމުގައި ވަނީ އޯގާތެރިކަމާއި ކުލުނެވެ. ނާއިލް އޭނާގެ ކޮއްކޮ ނާއިލާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އެ ދެމެދުގައި ވަނީ އެއްބަނޑު އެއްބަފާ ކަމުގެ ކުލުނު ކިތަންމެ ރަނގަޅަކަށްވެސް އަށަގެންފައެވެ.

މިފަދަ ކޮންމެ ރެއެއްގެވެސް އާދައިގެ މަތީން ނާއިލްގެ އޯގާތެރިކަން ލިބެން ފެށުމުން ނާއިލާގެ ލޮލުގައި ހިފެހެއްޓިފައިވާ ކަރުނަތައް އަނެއްކާވެސް އޭނާގެ ދޮންޖަންބު ކޯތާފަތަށް އޮހިގެންފިއެވެ. ހިތާމަ އާއި ހިތްދަތިކަމުގައިވާ އިންސާނާއަށް، އަނެކާގެ އަޅާލުމާއި އޯގާތެރިކަން ލިބެންފެށުމުން ހިތުގެ ޖަޒުބާތުތައް ހިފަހައްޓަން ދަތިވެ ރޮވޭކަމީ، ކޮންފަދަ އަޖައިބުކުރުވަނިވި ގުދުރަތީ ގާނޫނެއް ހެއްޔެވެ؟.. ނާއިލާގެ އެ ރުއިމުގައި ނާއިލް ބައިވެރިވަމުން ދިޔައިރު، ގިނައިރު ރުއިމުގެ ސަބަބުން ނާއިލާގެ ގައިން ދިޔައީ ވަރު ހުސްވަމުންނެވެ. އޭނާގެ ދެ ލޯ މެރި ހަށިގަނޑުގެ ހަރަކާތްތައް މަޑުޖެހެމުން ދިޔައިރު، މާޒީގެ އެ ޞަފްޙާތައް އޭނާގެ ކުރިމަތީގައި އުކެމުން ދިޔައެވެ.

ނާއިލާ މަދަރުސީ ތަޢުލީމު ފަށައިގަންއިރު އޭނާގެ ދޮންބެ ނާއިލް އުޅެނީ ގްރޭޑް 06 ގައެވެ. ނާއިލާއާއި ނާއިލް އަކީ ހާޝިމްއާއި ވިޝާމާގެ ހަމައެކަނި ދެ ދަރިންނެވެ. ހާޝިމަކީ ރަށުގައި އޭރު ހުރި އެންމެ މުއްސަނދި އެކަކެވެ. އޭނާގެ އެ މުއްސަނދިކަމުގައި އެ ކުޑަކުޑަ އާއިލާ އުޅެމުން ދިޔައީ އުފާފާގަތިކަމާއި، ހިތް ފުރޭފަދަ ތަނަވަސްކަމުގައެވެ. ނާއިލާ އާއި ނާއިލް ބޭނުން ކޮންމެ އެއްޗެއް ހޯދައިދިނަސް، އިސްލާމީ ޙުދޫދުގެ ތެރޭގައި ކުދިން ބޭއްތިއްބުމަށް އަބަދުވެސް ވިޝާމާ މަސައްކަތްކުރެއެވެ. އެ ކުދިންނަށް ބޮޑާ ނުވުމަށާއި، ދެއްވާފައިވާ ނިޢުމަތަށް ޝުކުރުވެރިވާން އަބަދުވެސް ހަނދާންކޮށްދެއެވެ.

އުފާފާގަތިކަމާއެކު ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ނާއިލް ކިޔަވާ ނިމި ކޯހަކަށް މާލެ ފުރިއިރު، ނާއިލާ ކިޔަވަނީ 9 ވަނަ ގްރޭޑް ގައެވެ. އޭރު ފުރާވަރު އުމުރުގެ ނާއިލާއާ އެއްދުވަސްވަރުގެ ފިރިހެންކުދިންގެ ކަޅިއެޅުންތައް ނާއިލާއަށް އަމާޒުވެފައިވަނީ އިންތިހާއަށެވެ. ނާއިލާގެ މާކަޅުނޫން، މާދޮންނޫން ހަމުގެ ކުލައާއި، ޅަދޮނޅު ހަށިގަނޑުގެ ޖާދުވީ ބާރުން، އޭނާގެ ލޯތްބަށް އެދިއެދިތިބި ކުދިން ދިޔައީ އިތުރުވަމުންނެވެ. ޚާއްސަކޮށް ނާއިލާގެ ބަންޓަން ރީތި މޫނާއި، އެމޫނުގެ އޮމާންކަމާއެކު، ގުދުރަތުން ދެއްވަވާފައި އެވާ ޖާދުވީ ދެލޮލާއި، ތުންފަތާއި އެ ނަލަނަލަ ހިނިތުންވުމުން އެތައް ބަޔަކު މަސްތުކުރުވާހާ ވެއެވެ.

ބުރަ މަސައްކަތާއެކު ހޯދަމުން އައި ރަނގަޅު ނަތީޖާތަކާއެކު، ނާއިލާގެ ކިޔެވުން ނިމެމުން ދަނީއެވެ. އަދިވެސް ކުއްޖަކާ ރައްޓެހި ނުވެ ހުރި ނާއިލާއަށް އަދު ބޮލަށް އުނދަގޫ ވެފައިވަނީ އޭނާގެ ރީތިކަމާ ހެދިއެވެ. ރީއްޗަކީ ބިރެކޭ ބުނަނީ މިހެންވީމާ ކަންނޭނގެއެވެ. ނާއިލާ ދެކެ ލޯބިވާ ކުދިން އެކި ގޮތްގޮތުން ލޯބި ހޯދަން މަސައްކަތް ކުރަމުން ދިޔައިރު، ރަށުތެރެއަށް ގިނަވެގަނެގެން އުޅޭ ޒުވާނުންގެ ގުރޫޕްތަކުގެ ދުއްތުރާވެސް ދިޔައީ އިތުރުވަމުންނެވެ. މަގުމަތިން އަންހެން ކުދިންނާ ފޮށެ ޖެއްސުންކުރުމަކީ މާލޭގައި އެކަނި އޮންނަކަމެކޭ ހިތަށް އެރިޔަސް، އަމިއްލަ ރަށަށް އަހިސްފައި މިވާ ބަދަލު ނާއިލާއަށް ފުރިހަމައަށް އިހްސާސްކުރެވެމުން ދެއެވެ. އޭނާއަށް އެފަދަ ތަޖުރިބާއެއް ކުރަން ނުޖެހޭ ދުވަހެއް މަދެވެ.

އާދައިގެ މަތީން ސުކޫލް ނިންމާލުމަށްފަހު ނާއިލާ ގެއަށް ދިއުމަށް ހިނގަމުން ދިޔައެވެ. ގެ ހުންނަ ހަނިގޯޅިއަށް ލަނބާލުމާއެކު، އެހެންޏާ ފަހަތު އަޅުވާލާ ހަމްޒަތުމެން ގްރޫޕް ނާއިލާގެ ކުރިމަތިން އައިސް އޭނާގެ ކުރި ބައްދައިފިއެވެ. ނާއިލާ އިސްދަށަށް ޖަހާލައިގެން ހުރިއިރު ހަމްޒަތު އޭނާގެ ކުރިމަތީގައި ހުރެގެން ތަފާތު އެކި ލޯބީގެ ނަންނަމުން މުހާތަބުކޮށް ތައުރީފު ކުރަމުން ދިޔައެވެ. އެހެނަސް ބަސްމަގު ހުތުރުވެ ދަށްކަން ނުޖެހޭ ވާހަކަތައް ދެކެވެން ފެށުމުން، ގެއަށް ދިއުމަށް ލަސްވެފައިހުރި ނާއިލާއަކަށް ކެތެއް ނުވިއެވެ. ނާއިލާގެ މޫނުގައި ޖެހުނު ހަމްޒަތުގެ އަތް ފޮޅާލުމާއެކު އަތުގެ ހޫނު އެތިފަހަރެއް ހަމްޒަތުގެ މޫނަށް އަރުވާލިއެވެ. ހަމަ އެއާއެކު ގެއަށް ދިއުމަށްޓަކައި ދުއްވައިގަތެވެ. ހަމްޒަތާއި އެތާގައި ދެން ތިބިކުދިންނަށް ތިބެވުނީ ބުނާނެ އެއްޗެއް ނޭނގި އަނގަހުޅުވިފައެވެ. ނާއިލާ ފަދަ މަޑުމައިތިރި، ބަސްމަދު ކުއްޖަކަށް ހަމްޒަތުމެންގެ ކުރިމަތީގައި އެފަދަ ހިތްވަރެއް ލިބިދާނެކަމަށް ފަހަރެއްގައިވެސް އެމީހުން ހިއެއް ނުކުރެއެވެ.

ދުވެފައިގޮސް ގެއަށް ވަދެވުނު އިރު ނާއިލާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އޭނާގެ ހިތަށް ވަނީ ނުހަނު ފުން އަސަރެއް ކޮށްފައެވެ. އޭނާގެ ރީތި ކަމަކީ ގުދުރަތުން އޭނާއަށް ދެއްވާފައިވާ އަގުބޮޑު ޖަވާހިރެކެވެ. އެހެނަސް އަދު އެކަމުގެ ސަބަބުން އޭނާއަށް ނުހަނު ބޮޑަށް ހިމާޔަތް ބޭނުންވެއްޖެއެވެ. އެ ވަގުތު އޭނާގެ ދޮންބެ ނާއިލް އޭނާގެ ގާތުގައި ވާނެނަމައޭ ނާއިލާގެ ހިތަށް އަރަމުން ދިޔައެވެ. އަދި މިފަދަ ހާލަތެއްގައި ލޯބިވާ އޯގާތެރި ބައިވެރިއެއް ހޯދުމުގެ ފިކުރު ފުރަތަމަ ފަހަރަށް އޭނާއަށް ކުރެވުނެވެ.

ނާއިލާ އޭނާދެކެ ލޯބިވާ އަދި އޭނާއަށްވެސް ލޯބިވެވޭފަދަ ބައިވެރިއެއް ހޯދުމުގެ ފިކުރުގައި ހުންނަތާ މާކަ ގިނަ ދުވަސްތަކެއް ނުވެ، އަޚުލާޤު މާތް ތަޢުލީމީ ޒުވާނެއްގެ ލޯބީގެ ހުށަހެޅުން އޭނާއަށް ލިބިއްޖެއެވެ. ނާއިލާއަށް ކަމުދާފަދަ ސިފަތަކެއް ލިބިފައިވާ އައިމަން އާ ނާއިލާ ގުޅުނީ އައިމަން އާއެކު އުފާވެރި ހަޔާތެއް ފެށުމުގެ މަތިވެރި މަގުޞަދުގައެވެ. އައިމަންގެ އުންމީދަކީވެސް އެއީ އެވެ. އޭނާގެ އެތައް އަހަރެއްގެ ހުވަފެން ހަގީގަތަކަށް ވުމުން އައިމަން ހުރީ އުފަލުން ފޮޅިފައެވެ.

އައިމަންއާ ލޯބީގެ ގޮތުން ގުޅުމާއެކު، ހަމްޒަތުގެ ފޯނު ކޯލްތަކާއި މެސެޖްތަކުގެ އުނދަގުލާ ނާއިލާއަށް ކުރިމަތިލާން ޖެހިއްޖެއެވެ. އެހެނަސް މަގުމަތިން ހަމްޒަތަކާ ދިމައެއް ނުވެއެވެ. މަގުމަތިން ދިމާކުރަމުން ދިޔައީ އޭނާގެ އެކުވެރިންނެވެ. އޭނާގެ އެކުވެރިންގެ ކަމަކީ ނާއިލާ ފެންނައިރަށް ހަމްޒަތާ އަޅުވާކިޔުމެވެ. ހަމްޒަތުގެ މޫނުމަތީ ފިރުމާލި ހޫނު ފިރުމުމުގެ ބަދަލު އޭނާ ހޯދާނޭ ކަމަށާއި، ނާއިލާ އައިމަން ދޫކޮށް ހަމްޒަތު ކައިރިއަށް ދާނޭ ކަމަށް އެމީހުން ބުނެ، ދިމާކުރަމުން ދިޔައެވެ. މިހުރިހާ އުނދަގޫތަކެއް ނާއިލާ ހުރަސް ކުރަމުން ދިޔައީ އައިމަންގެ ލޯބީގެ ފުރިހަމަ ބާރުގައެވެ.

މާކަ ގިނަ ދުވަސްތަކެއް ނުވެ، ނާއިލާއަށް އަނެއްކާވެސް އެކަނިވެރިކަން އިޙުސާސް ކުރަންޖެހިއްޖެއެވެ. ނާއިލާގެ ދޮންބެ ނާއިލް އެކޭ އެއްގޮތަށް އައިމަންވެސް ރަށުން ބޭރަށް ދާންޖެހުނީއެވެ. އުޅޭ ވަޒީފާގެ ގޮތުން ކުޑަދުވަސްކޮޅަކަށް އެހެން ރަށެއްގައި މަސައްކަތް ކޮށްލުމަށެވެ.

ނާއިލާގެ މި އެކަނިވެރިކަމާއެކު، ހުދު އޭނާއަށްވެސް ގަބޫލުނުކުރެވޭފަދަ ގޮތަކަށް އޭނާ ދިޔައީ ބަދަލުވަމުންނެވެ. ހަމްޒަތު ތަކުރާރުކޮށް ފޮނުވަމުން ދިޔަ މެސެޖްތަކަށް ރިޕްލައި ކުރެވެން ފަށައިފިއެވެ. ހަމްޒަތުގެ އެކުވެރިންގެ އަޅުވާކިޔުންތަކުގެ އިސްތިރީގައި ރަނގަޅަށް ބެދި އައިމަންއަށް ދެވުނު މަގާމު ހަމްޒަތަށް ދެވެން ނެގީ ކުޑަ ދުވަސްކޮޅެކެވެ. ނާއިލާގެ މިބަދަލުން އައިމަންގެ ހިތް ކުދިކުދި ވިއެވެ. އޭނާއަށް މުޅި ދުނިޔެ އެކު ލިބިފައި ގެއްލިގެން ދިޔަފަދަ އިޙުސާސެއް ކުރެވުނެވެ. ނާއިލާ ކައިރީގައި ތަކުރާރުކޮށް އާދޭސް ކުރިއެވެ. އެހެނަސް އެކަމުން ލިބުނު ފައިދާއެއް ނެތެވެ.

ކޮންފަދަ ބޭއިންސާފެއް ހެއްޔެވެ. ކެހިވެރީ ދުނިޔެއެއް ނޫނެވެ. ދުނިޔޭގައި އުޅޭ އިންސާނުންނެވެ. ނާއިލާފަދަ ރަނގަޅު ރީތި ކުއްޖަކު އައިމަންއަށް ބޭވަފާތެރިވީއެވެ. ކަރުގައި ފަށްއަޅައި، ބޯހަތައެއްހެން ހަދާފައިވާ، ތަޢުލީމެއްނެތް، މަގުމައްޗަށް ވީއްލިގެން އުޅޭ ޒުވާނަކަށް ޓަކައެވެ. އެހެނަސް ކޮންމެ އަނިޔާއަކަށް އިންސާފު ލިބޭނެކަން ޔަޤީނެވެ. އެހެން ނޫންނަމަ މާޒީގެ އެ ޞަފްޙާގައި ނާއިލާގެ ބޭވަފާތެރިކަމަށް އައިމަން ރޯން އިންފަދައިން، ރޭގަނޑުގެ މިދަންވަރު ނާއިލާ އޭނާގެ ދޮންބެ ނާއިލްގެ ގާތުގައި އިނދެ ހިތިކަމާއި ގިތިކަމުގެ ކަރުނަ އޮހޮރަމުންނެއް ނުދިޔައީހެވެ.

” ކޮއްކޯ.. އަދިވެސް ރޮނީތަ. އަނެއްކާވެސް އެހަނދާންތައް ކުރަންފެށީދޯ. ބުނީމެއްނު އެވަރަށް ނުވިސްނާށޭ. ދެން ނިދާލެވޭތޯ ބަލާ އިނގޭ… ” މަޑުމަޑުން ހަމަޖެހި ލޯމެރިފައިވާ ނާއިލާއަށް ޖިސްލެވެން ފެށުމުން، ނާއިލާގެ ޙާލަތު ނާއިލްއަށް ވަރަށް ރަނގަޅަށް ފަހުމް ވެއްޖެއެވެ. އޭނާ ނާއިލާއަށް ވިސްނައިދެމުން ގެންދިޔައީ މަންމައަކު ދަރިއަކަށް ނަސޭހަތް ދޭފަދަ އޯގާތެރިކަމާއި މަޑުމައިތިރި ކަމާއެކުގައެވެ.

” ދޮންބޭ. އަޅެ ކީއްވެ އަހަންނަށް މިހެން މިދިމާވީ… އަހަރެން ނުވިސްނަން އުޅުނަސް …… ދޮންބޭ.. އައިމަން ކަހަލަ ރަނގަޅު ކުއްޖަކަށް އަހަރެންނަށް އެހެން ކަންތައް ކުރެވުނީ ކީއްވެ. ހަމްޒަތުގެ އަވާގައިޖެހި ……” އަޅައަޅައިގަންނަމުންވެސް ވާހަކަ ދައްކަން ނާއިލާއަށް އުނދަގޫވުމުން، ނާއިލް އޭނާގެ އަނގަ މަތީގައި އަތް އެޅިއެވެ. އަދި ވެދިޔަތަން ވެދިޔައީ ކަމަށާއި އިތުރަށް ވިސްނުމުން ކުރާނޭ ފައިދާއެއްނެތް ކަމަށްބުނެ، ތަކުރާރުކޮށް ވިސްނައިދީ ނާއިލާ ހަމައަކަށް އަޅުވައިފިއެވެ. ނާއިލް ކޮޓަރިން ނުކުތީ ނާއިލާއަށް ނިދިއްޖެކަމަށް ގަބޫލުކުރެވުމުންނެވެ.

ނާއިލް ކޮޓަރިން ނުކުމެ މަޑުމަޑުން ދޮރު ލައްޕާލުމާއެކު، ނާއިލާ މަޑުމަޑުން ލޯހުޅުވާލިއެވެ. އޭނާ ނިދަން އުޅުނަސް މިރޭ ދެނެއް ނުނިދޭނެއެވެ. މާޒީގެ އެ ހިތި ހަނދާންތަކުގެ އެންމެ ކަޅު ސަފްޙާތައް މިރޭ އޭނާ އެއްކޮޅުން އަނެއްކޮޅަށް އުކާ ނިންމާނެއެވެ. ވިސްނާނުލާ ކުރިއަށް އެޅުނު ފިޔަވަޅުން ވެއްޓުނު އަނދަވަޅުން އަރައިގަތުމަށް އޭނާއަށް މާޒީގެ އެ ހަނދާންތަކުން އިބުރަތް ލިބިގަތުން މުހިންމެވެ.

އައިމަންއާ އެކު އޮތް ލޯބީގެ ގުޅުން ކަނޑާލައި، ހަމްޒަތާ ރައްޓެހިވުމާއެކު މަގުމަތިން އޭނައާ ދިމާކުރާ ގްރޫޕްތައް ގެއްލިއްޖެއެވެ. އޭނައަށް އަބަދުވެސް ހިމާޔަތް ދޭނެ މުޅިން އާ އެކުވެރިންތަކެއް ލިބިއްޖެއެވެ. އެހެނަސް ހެޔޮ ވިސްނޭ ހަމަ ކޮންމެ މީހަކުމެ ނަފުރަތުކުރާނޭ ބައެކެވެ. ނާއިލާ ހަމްޒަތުއާ އެކު އުޅުނަސް އޭނާ އެދޭހާ ކަމަކަށް އެއްބަހެއް ނުވެއެވެ. އެކުގައި ބޭރަށް ހިނގާލަން ދާންވެސް އިންކާރު ކުރަމުން ދިޔައެވެ. އެހެނަސް އެކަން ދެމި އޮތީ ކުޑަ ދުވަސްކޮޅަކަށެވެ. ނާއިލާއާއި ހަމްޒަތު ރަށުގެ އެކި ހިސާބުތަކުން ލޯބީގެ ބައްދަލުވުންތައް ބާއްވާ މަންޒަރު ރަށުގެ އެތައް ބަޔަކަށް ދެކެފަރިތަ މަންޒަރަކަށް ވާން ނެގީ ކުޑަ ދުވަސްކޮޅެކެވެ.

ނާއިލާގެ މި ގުޅުމާއި އޭނާއަށް އަންނަމުންދިޔަ ބަދަލު އޭނާގެ މަންމަ ވިޝާމާ ވަރަށް ގާތުން ދެކެމުން ދިޔައެވެ. އަދި ހަމައެއާއެކު އޭނާ ގެންދިޔައީ ހާޝިމްއާ އެކަންތައްތައް ހިއްސާކުރަމުން ވެސްމެއެވެ. އެހެނަސް ނާއިލާއާ ދެކޮޅަށް ޗުއްޕުވެސް ބުނަން ވިޝާމާ ދެކޮޅުހެދިއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ކަމަށްވީތީއެވެ. އޭނާގެ ހިތުގައި ޖައްސަން ބޭނުންނުވާތީއެވެ. ދެރަވެ ރޯތަން ބަލަން ކެތް ނުވާނެތީއެވެ. އެހެނަސް ވިޝާމާއަށް ނޭނގުނު ކަމަކީ އަދު ވިޝާމާ ބުނާ އެއްޗަކުން، ދޭ ނަޞޭޙަތަކުން ނާއިލާ ރޯންޖެހިދާނެތީ “ނޫނެކޭ. ތިކަން ނުކުރާށޭ” ބުނަން ނުކުރުމުގެ ސަބަބުން މުޅި އުމުރަށް ނާއިލާ ރޯން ޖެހިދާނެކަމެވެ. ނާއިލާ އުފާކޮށްދިނުމަކީ އޭނާ ބޭނުންހާ ކަމެއްކުރަން ފުރުސަތު ދިނުންކަމަށް ވިސްނުމެވެ. ހުރި ހަމައެކަނި އަންހެން ދަރިދެކެ ކަނު ލޯތްބެއްވެވުން އެއީ ވިޝާމާގެ ޙަޔާތުގައި އޭނާގެ އަމިއްލައަތުން ނާއިލާގެ ކަރަށް ލޯބިން މަހާލަދެވުނު ދަންމަޅިއެކެވެ. މިއީ ދުނިޔޭގެ ގާނޫނެއް ނޫނެވެ. ކަން އަބަދުމެ ހިނގާ ގޮތެއްވެސް ނުމެނޫނެވެ. އެހެނަސް އެ ދުނިޔޭގައި އުޅޭ އިންސާނުންގެ މޮޔަކަމެވެ. ދަރިއަށް ހެޔޮމަގު ދެއްކުމަށް “ނޫނެކޭ” ބުނުމަކީ މަޖުބޫރު ކުރުވުމެއްކަމަށް ދެކޭ މައިންބަފައިންގެ، ނުވިސްނޭ މަޖުބޫރީ ހާލަތެވެ.

ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު ނާއިލާގެ އުފާވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އޭނާ ދެކޭގޮތުގައި ހަމްޒަތު ފަދައިން އޭނާދެކެ ލޯބިވާނޭ ދެވަނަ މީހަކު ނުވާނެއެވެ. އަދި ހަމްޒަތުގެ އުނިކަންތައްތައްވެސް ނާއިލާގެ ލޯމައްޗަށް ދިޔައީ ކަޝްފުވެ، ނުފެންނަ ކަންތައްތަކަކަށް ވަމުންނެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެތާއެވެ.

އަނެއްކޮޅުން ނާއިލާގެ މި ބަދަލަށް އިންތިހާއަށް ހިތާމަކުރަމުން ދިޔަ އައިމަންއަށް ހަމަޖެހުމެއް ލިބުނީ ނާއިލާގެ ދޮންބެ ނާއިލް ކިޔެވުން ފުރިހަމަކުރުމަށްފަހު ރަށަށް އައުމުންނެވެ. ނާއިލްއާ އައިމަންއަކީ ސްކޫލް ދައުރުއްސުރެ ދެ އެކުވެރިންނެވެ. ނުލާހިކު ގާތް ދެ ރަޙުމަތްތެރިންނެވެ. ނާއިލަށް ރަށަށް އާދެވުމާއެކު، އޭނާ ނެތި މިވީ ދުވަސްތަކު ކަންހިނގާދިޔަ ގޮތްތައް ސާފުވާކަށް މާކަ ގިނައިރުތަކެއް ނުނެގިއެވެ. އޭނާގެ ކޮއްކޮ ނާއިލާ، އޭނާގެ ހެޔޮލަފާ އެކުވެރިއެއް ކަމަށްވާ އައިމަންއަށް ބޭވަފާވެރިވި ގޮތާއި، ހަމްޒަތާ ބާއްވަމުންދާ ގުޅުމުގެ ވާހަކަތައްވީ ނާއިލަށް ގަބޫލުކުރަން ދަތި އުނދަގޫ ވާހަކަތަކަކަށެވެ.

” ނާއިލާ. ދޮންބެ އެބައޮތް ވާހަކައެއް ދައްކަންވެފަ.. އިހަށް މަޑުކޮށްލަންވީނު ބޭރަށް ނުގޮސް ” ނާއިލްގެ އަޑުއިވުމާއެކު، ވަރުގެ ކޮޅަށް ނަލަހެދިގެން ބޭރަށް ދާން ނުކުމެނުކުމެހުރި ނާއިލާ އަނބުރާ މައިގޭތެރެއަށް ވަދެ ސޯފާގައި އިށީންދެއްޖެވެ. އޭރު ނާއިލާވަނީ ވަރަށް ބޮޑަށް ފިނިވެފައެވެ. ނާއިލް ދަންކަން އުޅޭ ވާހަކައެއް އޭނާއަށް އެނގޭ ކަހަލައެވެ. ދެއަތް ދެއަތާ ބޮނޑިކޮށްގެން އިންއިރު މޫނުމަތިންވެސް ނުތަނަވަސްކަމުގެ ކުލަވަރު ފާޅުވޭވޭ ހުއްޓެވެ.

” ނާއިލާ މިހާރު ކިހިނެއް ތިއުޅެނީ. ކީކޭ ހިތާތަ ހަމްޒަތު ކަހަލަ މީހަކާ ރައްޓެހިވީ. އެވެސް އައިމަން……….. ” ހިތުގައިވާ ނުތަނަވަސްކަމުގެ ސަބަބުން ނާއިލްއަށް ވާހަކަ ދައްކަން އުނދަގޫވެ ހުއްޓާލިއެވެ. އަދި އިރުކޮޅަކު އިސްދަށަށް ޖަހައިގެން އިނުމަށްފަހު އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

” ނާއިލާއަށް ރަނގަޅަށް އެނގޭނެ ހަމްޒަތަކީ ކޮންކަހަލަ މީހެއްކަން. އޭނާ ކޮއްކޮއަށް ކޮންމެ ފަދަ ލަނޑެއްވެސް ދީފާނެ…. އެނގޭ މަންމަމެން ނާއިލާ ކުރާކަމަކަށް އެއްޗެކޭ ނުބުނާނެކަން. އެކަމަކު ހަނދާންކުރާތި. އޭގެ މާނައަކީ އެމީހުން ނާއިލާ ކުރާހާ ކަމަކަށް ރުހި ގަބޫލެކޭ ނޫން. އަހަރެމެންނަށް ލިބިފައިވާ ތަނަވަސްކަމާއި މަންމަމެންގެ ހަނުހުރުމުގެ ނާޖާއިޒު ފައިދާ ނުނަގާ.. އެނގޭ ތިދަނީ ހަމްޒަތު ކައިރިއަށްކަން……. ބުނަން.. ދޮންބެގެ ބަހެއް އަހަންޏާ މިރެއިން މިރެއަށް ތިޔަކަން ހުއްޓާލާ. ” ދައްކަންހުރި ވާހަކަތައް އުނދަގުލާއެކުވެސް ދައްކާ ނިއްމާލުމަށްފަހު، ނާއިލް ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

ފެންކަޅިވެފައިވާ ނާއިލާ އެތައް އިރަކު އެހެން އިނުމަށްފަހު، ދެލޯ ފުހެލިއެވެ. އަދި މަޑުމަޑުން ތެދުވެގެން ހިނގައިގަތެވެ. ގެއިން ބޭރަށެވެ. އެހެނަސް ދެންމެ އޭނާގެ ދޮންބެ އެ ދެއްކި ވާހަކަތަކާއެކު މުޙިންމު ނިންމުމެއް ނިންމައިގެންނެވެ. އޭނާ މިރޭ ހަމްޒަތާއި ބައްދަލުކުރަން އެ ދަނީ ރީތިގޮތުގައި މިގުޅުން ނިންމާލުމުގެ ނިޔަތުގައެވެ. އެހެނަސް ފަރުދާގެ އަނެއް ފަރާތުގައި ރޭވެމުންދާ ނުބައި ރޭވުން އެނގޭނަމަ…..

— ނުނިމޭ —

ލިޔުންތެރޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްޞާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

ކޮމެންޓް

  1. ވަރަށް ވެސް ރީތި،

LEAVE A REPLY