އުފަންވުމުން… ދެވަނަ ބައި…

3
މުހައްމަދު ޝާހީން
ގުޅުން ހުރި
Ads by Ooredoo Maldives

ކުރީގެ އަދަދާއި ގުޅޭ…

” ކޮންނަންފަށާ! ” ޖީބުންނެގި ކުޑަ ރުމާލަކުން އަތުން ލޭމަނާކުރަން މަސައްކަތްކުރަމުން ހާމިދު، ނާއިލަށް އޭނާގެ މަސައްކަތް ފަށައިގަތުމަށް އިޝާރާތް ކުރިއެވެ.

Ad by Poise Perfumes

“އެއްވެސް ކަމެއް ނުވޭ.. މިހާރު ފޫޓެއްހާތަން ފުނަށް ކޮނެވިއްޖެވިއްޔާ ގައިމު. ކޮންއެއްޗެއް އޮވެގެންތަ މިތަން ކޮންނަން ތި ބުނީ…” ކުރަމުންދިޔަ މަސައްކަތުން އެއްވެސް ނަތީޖާއެއް ނުފެނި ވަގުތު ދިގުލަން ފެށުމުން ނާއިލަށް އަނގަ މަޑުންލައިގެނެއް ނުހުރެވުނެވެ. އެހެނަސް އޭނާ ދެއްކިވާހަކައަށް ހާމިދު އެއްވެސް ރައްދެއް ނުދިނުމުން އޭނާ އަނެއްކާވެސް ކޮންނަން ފެށިއެވެ. މާކަ ގިނައިރުތަކެއް ނުވެ، އަތުން ކަހާލައި ނެގި ފަސްމުށާއެކު ވަޅުގަނޑުގައިވާ ފަސްގަނޑަށް ކުޑަލޮޅުމެއް އަތުވެއްޖެއެވެ. އެވަގުތު ނާއިލަށް ތެޅިގަނެވުނެވެ.

“މަޑުކުރޭ.. މަ ބޭނުމެއްނޫން ކަލޭގެ ހަދާ ގޯހަކުން، މަ ކޮށްދޭ މަސައްކަތެއް ބޭކާރުވެ، ދެ މީހުނަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހޭކަށް” ހާމިދުގެ އަޑާއެކު، ކޮންނަމުން ދިޔަ ވަޅުގަނޑާ ދިމާއަށް ގެންގޮސް ގެންގޮސް ހުރި ނާއިލްގެ އަތް ހުއްޓުނެވެ. އަދި އެނބުރި ހާމިދަށް ބަލައިލިއެވެ.

“އުނހޫ.. މިގަޑީ އިތުރު ސުވާލެއް ކުރަން ނަހަދާތި. މިޓޯޗްގަ ހިފަހައްޓާ..” ސުވާލު ކުރަން ނާއިލް ހުޅުވި އަނގައިން ބަހެއް ބޭރުނުވެ އަނގަ ބަންދުވިއެވެ. ނާއިލް އިތުރު އެއްޗެކޭ ނުބުނެ ހާމިދުގެ އަތުގައި އޮތް ޓޯޗުގައި ހިފިއެވެ. އަދި އޭނާ ދެންމެ ކޮންނަމުން ދިޔަ ވަޅުގަނޑަށް އަލިކޮށްލިއެވެ. އޭރު އެވަޅުގަނޑުގައިވާ ވެލިގަނޑަށް ވަރަށް ބޮޑަށް ލޮޅުން އަރަމުން ދިޔައެވެ. ހަމަ ޔަގީނުންވެސް ކޮންމެވެސް ދިރުމެއް އެފަސްގަނޑުގެ ދަށުގައި އެބަވެއެވެ.

ނާއިލް ޓޯޗްގައި ހިފުމާއެކު ބަލާކަށް ނުހުރެ، ހާމިދު ކަނާއަތް ކުރިއަށް ދަމާލައި ރަނގަޅަށް މުށް ހުޅުވާލުމާއެކު، ވަޅުގަނޑުގައިވާ ފަސްގަނޑުގެ ތެރެއަށް އަތް ކޮށްޕާލިއެވެ. ހަމަ އެބާރު މިނުގައި އެއްޗެއްގައި ހިފާ ދަމައިގަންނަފަދަ ގޮތަކަށް ފަސްގަނޑުގެ ތެރެއިން ހަލުވިކަމާއެކު އަތް ދަމައިގަތެވެ. އެއާއެކު ވިދާލި ވިދުވަރެއްގެ އަލިކަމުގެ ތެރެއިން ފުރޭނިގެން އައި އަލިފާން ކޮޅު އަމާޒުވީ މަހާނަ ކައިރީގައި ކޮނެފައިވާ ވަޅަށެވެ. މިފަހަރު ނާއިލް އެކޭ އެއްފަދައިން ހާމިދަށްވެސް ސިހުން ލިބުނެވެ. ދެންމެ ކުޑަވަގުތުކޮޅެއް ލަސްވި ނަމަވެސް، މިހާރު ވައް ރޮނގަކަށް ވަޅުގަނޑުގައި ހިފާފައި އެވާ އަލިފާނުގެ ޝިކާރައަކަށް ހާދިމުގެ ކަނާއަތް ވާނެ ކަމާމެދު ޝައްކެއް ނެތެވެ.

ބިރުން ތުރުތުރު އަޅާ ހާލުހުރި ނާއިލަށް ހާމިދުގެ އަތަށް ބަލައިލެވުނީ އަލިފާން ކަނިވަމުންގޮސް އެއްކޮށް ނިވުމުންނެވެ. އޭރު ހާމިދު ހިނިތުންވެފައި އޭނާގެ އަތުގައިވާ އެއްޗަކަށް ބަލަހައްޓައިގެން ހުއްޓެވެ. ނާއިލް ހާމިދުގެ އަތަށް ރަނގަޅަށް އަލިކޮށް ބަލައިލިއެވެ. އޭނާއަށް ލިބުނު ހައިރާން ކަމާއި ގަތް ބިރާއެކު، ފަކުރުން ހޮޑު ނުލެވުނީވެސް ކިރިޔާއެވެ. ހާމިދުގެ އަތުން ހިފަހައްޓާލައިގެން އެހުރީ ހަރުފައެއް ނޫނީ ނަންނުގަތި ފާޑުގެ އެއްޗެއްގައެވެ. އެސޮރުގެ ދިގުމިނުގައި ފޫޓެއްވަރު ހުންނާނެއެވެ. މުޅިގައިން ފާޑެއްގެ ލޮނދިގަނޑެއް ފައިބަމުންދިޔައިރު، ހަރުފައެއް ހަރަކާތް ކުރާފަދައިން ހަރަކާތްކުރަމުން ގެންދިޔައެވެ. އެސޮރުގެ ދެލޯ ރަތް ބޮއްކެއްހެން ދިއްލިފައިވާއިރު ކާއެއްޗަކަށް ދަހިވެފައިވާކަން ދޭހަކޮށްދޭފަދަ ގޮތަކަށް އަނގަ ތަންމިނަށް ހުޅުވައިގެން އޮތެވެ.

“ނާއިލް. އަވަހަށް ގެއަށްދާން އުޅެމާ. މިރޭގެ މަސައްކަތް މިއޮތީ ފުރިހަމަވެފައި. ގެއަށް ނުދެވި މިތަނުގައި ލަސްކޮށްފިއްޔާ، ދެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ” ހާމިދުގެ މި ބަހާއެކު ދެމީހުން އެކުގައި ގަބުރުސްތާނުން ނުކުންނަން ހިނގައިގަތެވެ. އެ ދެ މީހުންނަށް ގަބުރުސްތާނުން ނުކުމެވުނުއިރު ކޮނެފައިދިޔަ ވަޅުގަނޑަށް ވަނީ ފަސްލެވި ފޮރުވިފައެވެ. ވަޅުގަނޑު ކޮނުނީ ނާއިލް ކަމަށްވިޔަސް އެވަޅުގަނޑަށް އެ ދެ މީހުންކުރެ މީހަކު ފަސްނާޅާކަން ކަށަވަރެވެ. ވީއިރު މިރޭގެ މި މަސައްކަތާއެކު ހާމިދާއި ނާއިލަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ނުޖެހޭނެ ބާވައެވެ؟…

 “ނާއިލް. މި ތަވީދު އުނަގަނޑުގައި އަޅައިގެން ދެން އަވަހަށް ގެއަށްދޭ. މިރޭ ދެން ގެއިން ނުނިކުންނާތި. މިކަމުގެ އަސްލު މަސައްކަތް ފެށޭނީ މާދަންރޭ. ނާއިލް ހޯދަންވީ ތަކެތި މާދަމާ ބައްދަލުވީމަ ބުނާނަން” ހާމިދު ނާއިލަށް އިރުޝާދު ދެމުން ގެންދިޔައީ ހާމިދުގެ ކަންވެރިކަމަށް ހާއްސަ ކޮޓަރީގައެވެ. ހާމިދަކީ ބޮޑު މުއްސަންޖަކަށް ވެފައި، އޭނާގެ ގެއާއި ކޮޓަރިތަކުންވެސް ފެންނަނީ އެންމެ ޒަމާނީ ކުލަވަރެވެ. މޮޅު ފަރުނީޗަރުގެ ފެންވަރާއި ފަންވަރެވެ. އެހެނަސް މިކޮޓަރި ފިޔަވައެވެ. ކޮޓަރީގެ ވަށާ ފާރުގައި ވަނީ ކަޅުކުލައިގެ ފޮތިދަމާ ނިވާކޮށްފައެވެ. އެއްވެސް ކުޑަދޮރެއް ހުރިހެނެއް ހިއެއް ނުވެއެވެ. ކޮޓަރީގައި ފަރުނީޗަރަކަށް ހުރީ މޭޒަކާއި 3 ގޮނޑިއެވެ. ދެން އޭނާގެ ފޮތްތައް ލާފައިވާ ދެތިން ފޮތް ހަރުގަނޑެވެ.

ހަމަހިމޭން މިދަންވަރުގައި ނާމާންކަމުގެ އިންތިހާ އިޙުސާސް ކުރަމުން، ނާއިލަށް ގޯތިތެރެއަށް ވަދެވުމާއެކު ދުވެފައިގޮސް ގެއަށް ވަނެވެ. އަދި ދޮރުލައްޕާ ތަޅުލިއެވެ. އޭރު އޭނާއަށް މާނޭވާ ލެވެއެވެ. މުޅިމީހާވަނީ ދާހިއްލާ ފޯވެފައެވެ.

އަލަމާރިން އައިސް ފެންފުޅިއެއްނަގާ ކަރުހިއްކުން ފިލުވާލުމަށްފަހު ނާއިލް އެދުގައި އޮށޯއްވެލިއެވެ. ވެފައިވާ ވަރުބައްޔާއެކު، އޭނާއަށް ފިކުރުތަކުން ދުރުވެވި ނިދޭކަށް މާކަ ގިނައިރެއް ނުނެގިއެވެ. އަރާމު ފޮނި ނިދީގެ ތެރެއަށް އޭނާ ޣަރަގުވެއްޖެއެވެ. އެހެނަސް މި އަރާމު ނިދިން ނާއިލަށް ގިނަ ވަގުތަކު ފޮނިކަން ލިބިދާނެ ކަމާމެދު މިރޭ ޝައްކެވެ.

ނިދީގެ ތެރެއިން ނާއިލް ހުވަފެނީ އާލަމަކަށް ދަތުރުކޮށްފިއެވެ. ނާއިލް އޭނާގެ ކޮއްކޮއާއެކު ނުހަނު އަމާންކަމާއެކު، ރީތި މާބަގީޗާއެއްގައި އުފާވެރި ވަގުތުތައް ގުނަމުންދަނީއެވެ. އެ އުފާވެރިކަން ނިމުމަކަށް ގެނުވީ ކުއްލިއަކަށް މާދުރުން އައި ގޮތް ނޭނގޭ ޒުވާނެކެވެ. އެޒުވާނާ އޭނާގެ ކޮއްކޮ އޭނާއާ ވަކިކޮށް އެއަނިޔާވެރި މުށުތެރޭގައި އަނިޔާވެރިކަމުގެ އިންތިޙާ އިޙުސާސްކުރަން ޖައްސައިފިއެވެ. ނާއިލަށް އޭނާގެ ކޮއްކޮ ސަލާމަތް ކުރަން ކުރެވުނު ކަމެއް ނެތެވެ. ކޮއްކޮ ސަލާމަތް ކުރަން ދިއްކޮށްލި އަތުގައި ބާރެއްނެތެވެ. އޭރު ނާއިލްގެ ކޮއްކޮގެ ރުއިމާއި ގިސްލުމުގެ އަޑު ގަދަވަމުން ދިޔައެވެ.

ފެންނަމުންދިޔަ ހުވަފެނުން ނާއިލަށް ހޭލެވުމާއެކު ވަށައިގެން ހޯދާ ބަލައިލެވުނެވެ. ނާއިލް ކިތަންމެ ނިދަން ބޭނުން ވިޔަސް ދެން އޭނާއަށް މިރޭ ނުނިދޭނެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. ބޮލުގައި އަތް އަޅައިގެން އިރުކޮޅަކު އެނދުގައި އިނުމަށްފަހު ނާއިލް ކޮޓަރިން ނުކުތެވެ. އެއާއެކު ނާއިލްގެ ކަންފަތުގައި ޖެހުނީ އަންހެން ކުއްޖެއްގެ ރުއިމާއި ޖިސްލުމުގެ އަޑެވެ. އަޑު އަންނަނީ އޭނާގެ ކޮއްކޮގެ ކޮޓަރިންނެވެ. ލަސް އަދި އެހާމެ ބުރަހެލި ފިޔަވަޅުތަކެއްގައި ނާއިލް އޭނާގެ ކޮއްކޮގެ ކޮޓަރިއާ ހަމައަށްގޮސް މަޑުމަޑުން ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ. އެއާއެކު ދޮރު ހުޅުވާލައި، ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. ނާއިލްގެ ހިތަށް ވެރިކުރުވީ އިންތިޙާ ދަރަޖައިގެ ހިތްދަތިކަމެވެ. ވަގުތުން ލޮލުން ކަރުނަ ނީރާލައިފިއެވެ. ކުރެހިފައިވާ އަޑަކުން އޭނާގެ ކޮއްކޮއަށް ގޮވާލިއެވެ.

” ކޮއްކޯ.. ނާއިލާ… “

— ނުނިމޭ —

ލިޔުންތެރޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި “ތަފާތެއްވެޔޭ…” ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްޞާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00 ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

3 ކޮމެންޓް

    thihaa kurukoh genasgen kamaku nudhey
  1. kiyaa myaa

  2. mee maalhendhoo shaaheen ge story ehtha

  3. ތަންކޮޅެއް ދިގު ކޮށްލަން ފެނޭ

LEAVE A REPLY