ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ޖެންޑަރ މިނިސްޓްރީން ހަރަކާތެއް ކުރިއަށް

0
ފޮނަދޫ އަޒްމީ އަލީ
ގުޅުން ހުރި
Ads by Ooredoo Maldives
މި ލިޔުމާއިމެދު ދެކެނީ ކިހިނެއް ؟
ސަޅިތަ
ސަޅި ލޯބި މަޖާ ހައިރާންވި ދެރަވީ ރުޅި އައީ

ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިންތިޒާމުކޮށްގެން “ގަރލްސް ލީޑް އިނީޝިއޭޓިވް”ގެ ނަމުގައި ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ނަމޫނާ އަންހެން ބޭކަނބަލުންނާއެކު މަސައްކަތްކުރުމުގެ ފުރުޞަތު އަންހެންކުދިންނަށް ހޯދައިދީފިއެވެ.

ޖެންޑަރ މިނިސްޓްރީން ހާމަކުރާގޮތުގައި އަންހެންކުދިން ބާރުވެރިކުރުވުމަށްޓަކައި ހިންގި މި ހަރަކާތުގައި އުމުރުން 16 އަހަރާއި 17 އަހަރުގެ ޖުމްލަ 34 ކުދިން ބައިވެރިވެފައިވެއެވެ. އެއް ދުވަހަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމްޢިއްޔާތައް އަދި އެހެނިހެން މުއައްސަސާތަކުގެ އިސް މަޤާމުތަކުގައި މަސައްކަތްކުރައްވާ ފާހަގަކޮށްލެވޭ އަންހެން ބޭފުޅުންގެ އެއް ދުވަހުގެ މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ބައިވެރިންނަށް ވަނީ ހޯދައިދީފައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ލަނޑުދަނޑިތަކާއި އުންމީދުތަކަށް ވާސިލުވުމަށް، އަދި ޚާއްޞަކޮށް އެކި ދާއިރާތަކުގައި ނިންމުން ނިންމާ ފެންވަރުގެ ވަޒީފާތަކާ ހަމަޔަށް ދިޔުމަށް އަންހެންކުދިންނަށް ހިތްވަރުދިނުމެވެ.

މި ހަރަކާތް ނިންމާލުމުގެގޮތުން ޗަންޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައި، މި ހަރަކާތުގައި ބައިވެރިވި އަންހެންކުދިންގެ މެދުގައި ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތު ދިނުމުގެ އިތުރުން ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުމެއްވެސް ދީފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރެ އެވެ.

މި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން މި ހަރަކާތް މެދުވެރިކޮށް، އަންހެންކުއްޖަކަށްވީތީ ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ތައްޔާރުވެ، ވަޒީފާގެ މައިދާނުގައި ކުރިއަށްދާނޭ ގޮތްތަކާމެދު ވިސްނުމަށާއި، ތަފާތު ދާއިރާތަކުގައި މަސައްކަތްކުރުމަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުވެގެންދިޔަކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ. އަދި، މި ހަރަކާތުގައި ބައިވެރިވި ކޮންމެ ކުއްޖަކީ ވެސް މަސައްކަތުގެ މައިދާނަށް ނިކުތުމުގައި ފަސްނުޖެހި، ކެރިގެން އިސް މަޤާމުތަކާ ކުރިމަތިލާނެ ކުއްޖަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހަކީ، އަންހެންކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި އަންހެންކުއްޖަކަށްވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކުރައްވައި، 2011 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.

0
މި ލިޔުމާއިމެދު ދެކެނީ ކިހިނެއް ؟
ސަޅިތަ
ސަޅި ލޯބި މަޖާ ހައިރާންވި ދެރަވީ ރުޅި އައީ
ގުޅުން ހުރި
SHARE

LEAVE A REPLY